ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީ އިން މިއަދު ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކޮށްފި އެވެ.
ހަތަރު ކެންޑިޑޭޓުން ވާދަ ކުރި މި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ މާލެ އާއި މާފުށި، ގުރައިދޫ އަދި ގުޅީގައި އެވެ.
އެމްޑީޕީން އާންމު ކުރި ބައި އިލެކްޝަންގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރި ޝާޒަށް 311 ވޯޓު ލިބިފައިވެ އެވެ. ދެވަނަ ލިބުނު ސަލްމާން ރަޝީދަށް ލިބިފައިވަނީ 190 ވޯޓެވެ. އަދި މުހައްމަދު މުސްތަފާއަށް 66 ވޯޓު ލިބިފައިވާއިރު، އަބްދުﷲ ސައީދަށް ލިބިފައިވަނީ އެންމެ 15 ވޯޓެވެ.
އެމްޑީޕީގެ ދަފްތަރުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިގެންވާ 844 މީހުން ތިއްބެވެ. އޭގެ ތެރެއިން 590 މީހުން ވޯޓުލާފައިވާއިރު، ސައްހަ ވޯޓުގެ އަދަދަކީ 582 އެވެ.
މިހާތަނަށް ދެން މި އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން މިހާތަނަށް ކަނޑައަޅާފައިވަނީ ޕީޕީއެމް އަދި އެމްއެންޕީއިންނެވެ. މި ޕާޓީތަކުގެ އިތުރުން ޖަލުހުކުމެއް ތަންފީޒުކުރަމުން ގެންދާ ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީއިން ވެސް ވަނީ މި އިންތިޚާބަށް މީހަކު ނެރޭނެކަން ހާމަކޮށްފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެމްބަރު ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވުމާއި ގުޅިގެންނެވެ.
ރިޒާއަކީ 2009 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅާ އެވެ. މި ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.