ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައަށް ސަރުކާރުން މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 30 އިންސައްތަ ހުސްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 1 ޖެނުއަރީ އިން ފެށިގެން 2 މާޗުގެ ނިޔަލަށް އާސަންދައަށް 334 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި އަހަރަށް އާސަންދައަށް ކަނޑައަޅާފައިވަނީ 1.045 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިހާރު އެ ބަޖެޓުގެ 31 އިންސައްތަ މިވަނީ ހުސްވެފައެވެ. ފާއިތުވި އަހަރު މި މުއްދަތުގައި އާސަންދައަށް ހޭދަވެފައިވަނީ 163 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި މިންވަރު މިވަނީ 52 އިންސައްތައިން އިތުރުވެފައެވެ.
ފާއިތުވި އަހަރުވެސް ޖޫން މަސްތެރޭގައި އާސަންދަ ބަޖެޓު އެއްކޮށް ހުސްވިއެވެ. އަދި އޭގެ ކުރީ އަހަރުވެސް އަހަރު ނިމުނު އިރު ކަނޑައެޅި ބަޖެޓަށްވުރެ ދެގުނަ އާސަންދައަށް ހަރަދުކުރިއެވެ.