ރައީސް ޔާމީނުގެ ވެރިކަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މިލްކުވެރިކަން ހޯދުމުގެ މައްސަލާގައި އެންމެ މުހިންމު މަސައްކަތްތަކެއް ކޮށްދެވީ ކ.ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރްހޫމް އިބްރާހީމް ރިޒާކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރިޒާގެ ހަނދާނުގައި ރޭ ކ.ގުރައިދޫގައި ބޭއްވީ ތައުބީނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީނަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ޕާޓީ ތެރޭގައި ޖެހުނު މައްސަލަ ކަމަށެވެ. އަދި ޕާޓީގެ މިލްކުވެރިކަން ހޯއްދެވުމަށް ރައީސް މައުމޫން ކުރެއްވި މަސައްކަތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނަށް އެންމެ މުހިންމު މަސައްކަތްތައް ކޮށްދެއްވީ ރިޒާކަމަށް އަދުރޭ ވިދާޅުވިއެވެ. ރިޒާ އަކީ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އައުމުގައިވެސް ރިޒާގެ ދައުރު ވަރަށް ބޮޑުކަމަށެވެ. މިގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރަން ޖޭޕީއިން ކޯޓަށް ހުށަހެޅުމުން ޕީޕީއެމްގެ ފަރާތުން އެ މައްސަލާގައި ހަރަކާތްތެރިވީ ރިޒާކަމަށެވެ.
"17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރިޒާ ގުރައިދު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވީ މިނިވަން މެންބަރެއް ގޮތުގައި. އެހެން ނަމަވެސް އޭރު އޮތް ޕީއޭގެ ޕާޓީ އޮފީހުން ވަރަށް ގިނައިން ރިޒާއާއި ބައްދަލުވޭ. ރިޒާއަކީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ވަރަށް ހާއްސަގުޅުމެއް އޮތް ބޭފުޅެއް. ރިޒާ މަޖިލީހުގައި މަސައްކަތްކުރެއްވީ ރައީސް ޔާމީންގެ ލަފާގެ މަތިން." ރިޒާގެ ހަނދާން އާ ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.
ރިޒާ އަވަހާރަވެފައިވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މެލޭޝިޔާގައެވެ. ރިޒާ އަވަހާރަވިއިރު މަޖިލީހުގައި ފުރުއްވަމުން ގެންދެވީ 3 ވަނަ ދައުރެވެ.