ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓަރުންގެ އަތުން ނަގާ ފީ ބޮޑުކޮށްފިއެވެ.
ވެމްކޯއިން މީގެ ކުރިން ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓަރުންގެ އަތުން ނަގަމުން އައީ 212ރ. ގެ ފީއެކެވެ. ނަމަވެސް އެ ކުންފުނިން މިހާރު ވަނީ އެފަރާތްތަކުގެ އަތުން ޓަނަކަށް 2660ރ. ނެގުމަށް ނިންމާފައެވެ.
އެގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައިއެ ކުންފުނިން މާލޭގައި ދެމުން ގެންދާ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެންނަން އެ ކުންފުންޏަށް ޔުޓިލިޓީ އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކުނީގެ ހިދުމަތް ދޭނެ އަގުތަކަކީ ގޭބީސީތަކުން މަހަކު 150ރ. ކަމަށާއި އަދި ވިޔަފާރިތަކަށާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27 ލާރި، ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330ރ. ކަމަށެވެ. އަދި ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ޓަނަކުން 1،060ރ. ނަގަން ނިންމައިފައިވާކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން ވެމްކޯއިން ބުނިގޮތުގައި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2،660 ރުފިޔާ، ލީޓަރަކަށް 1.27 ރުފިޔާ އާއި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްއަށް ޓަނަކަށް 2،260 ރުފިޔާ ނަގަން އެ ކުންފުނިން ވަނީ ނިންމާފައެވެ.
އަދި ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދަށް ގެނައި ފަސް ވަނަ އިސްލާހާ އެއްގޮތަށް ވަކިނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު އިތުރަށް 1،000 ރުފިޔާ ނަގާނެކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ ހިދުމަތުގެ އަގަށް ބަދަލު ގެންނަން ނިންމީ، އެ ކުންފުނިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އިކޮނޮމިކް ކައުންސިލާއެކު މަޝްވަރާތަކެއް ކުރުމަށްފަހުގައިކަމަށެވެ.
ވެމްކޯއިން ބުނިގޮތުގައި އަލަށް ކަނޑައަޅާފައިވާ އަގުތަށް ތަންފީޒު ކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ،