ރާއްޖެ އާއި ޕާކިސްތާން އެންމެ ފަހުން ބައިނަލްއަގްވާމީ މެޗެއްގައި ވާދަކުރީ 2013 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެވެ. އެ ފަހަރު މާލޭގައި އެކުވެރިކަމުގެ ދެ މެޗު ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅުނެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު ފަހު މެޗުން ރާއްޖެ މޮޅުވީ 0-3 އިންނެވެ.
މި ދެޓީމު ވަނީ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް 10 ފަހަރު ވާދަކޮށްފަ އެވެ. ރާއްޖެ ތިން މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވިއިރު، ޕާކިސްތާން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. ރާއްޖެ އަތުން ޕާކިސްތާނަށް އެންމެ ފަހުން މޮޅެއް ލިބުނީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގަ އެވެ.
ފީފާ ސަސްޕެންޝަނުން ސަލާމަތްވެ ޕާކިސްތާން މިހާރު އަންނަނީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވާދަކުރަން މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ މެޗަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން މިހާރު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އަދި، މިއަހަރުގެ ޖޫން މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ވާދަކުރާނެކަމަށް ބެލެވެ އެވެ.
2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނަށް ވާދަނުކުރެވުނީ ފީފާގެ ސަސްޕެންޝަނުގައި އޮތުމުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ނުކުތީ 2011 ވަނަ އަހަރު އެވެ.
ބައިނަލްއަގްވާމީ މެޗަކަށް ނުކުންނަން ރާއްޖެ ތައްޔާރުވާއިރު ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެޗެއް ނުކުޅޭތާ އަހަރަކާ ގާތްވާއިރު އާ ސީޒަނުގެ ކަލަންޑަރު ވެސް އެފްއޭއެމް އިން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ރާއްޖޭގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ކްލަބް އީގަލްސް އިން އަންނަނީ އާ ސީޒަނަށް ތައްޔާރުވަމުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ މިހާރުވީ ތަމްރީނު ދަތުރެއްގައި ސައުދީ އަރަބިއާގަ އެވެ. އެހެންވެ ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަން ބޭނުންވިޔަސް ގައުމީ ކޯޗަށް ކުޅުންތެރިން މާލޭގައި ނެތުމުގެ ގޮންޖެހުން އޮންނާނެ އެވެ.