Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

"މެސީ ޕީއެސްޖީގައި މަޑުކުރަން ބޭނުންވޭ"

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އެ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ސްޕެއިނަށް ނިސްބަތްވާ ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ޖާނަލިސްޓް ގުއިލެމް ބަލަގޫ ބުނެފި އެވެ.

މިހާރު އުމުރުން 35 އަހަރުގެ ފޯވާޑް ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެ ކްލަބުން މިހާރު ދަނީ މެސީގެ އެއްބަސްވުން އިތުރު ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.

މީގެ ދެ ސީޒަން ކުރިން 2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެ މެސީ ވަނީ 64 މެޗުގައި 29 ގޯލު ޖަހައިފަ އެވެ. އެކަމަކު ޕީއެސްޖީ އިން އެންމެ ބޭނުންވާ ޗެމްޕިއަންސް ލީގު ތައްޓާ ހަމައަށް މެސީ އަށް ވެސް އެޓީމު ގެންގޮސް ނުދެވުނެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާ ބަޔާން މިއުނިކާ ވާދަކޮށް ބަލިވެ، ޕީއެސްޖީ ވަނީ ކަޓައިފަ އެވެ.

މެސީގެ އެއްބަސްވުމާ ގުޅޭގޮތުން ބަލަގޫ ބުނީ މެސީގެ ބައްޕަ އަދި އޭޖެންޓް ޖޯޖް މެސީ އާއި ޕީއެސްޖީގެ ޑިރެކްޓަރ ލުއިސް ކެމްޕޯސްއާ ދެމެދު އެއްބަސްވުމެއް އެބައޮތް ކަމަށެވެ.

"މިވަގުތަށް އަހަރެމެން މިތިބީ މަޝްވަރާގަ. މި ޕްރޮޖެކްޓުގައި މެސީ ބަހައްޓަން ބޭނުން. އެކަން ނެތް ފޮރުވޭކަށް. ކްލަބުގައި މެސީ މަޑުކޮށްފިއްޔާ ވަރަށް އުފާވާނެ" ޕީއެސްޖީގެ ޑިރެކްޓާ ކެމްޕޯސް ބުންޏެވެ.

މެސީގެ އެއްބަސްވުން އާކުރަން ޕީއެސްޖީ އަށް އޮންނާނެ ހުރަހަކީ ފައިނޭންޝިއަލް ފެއާޕްލޭއާ އެއްގޮތަށް އަންނަ ސީޒަނުގައި ޕީއެސްޖީގެ ބަޖެޓް ކުޑަކުރަން ޖެހުމެވެ.

"ޔޫއެފާ އާއި ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ އަށް ޕީއެސްޖީ އިން އިހުތިރާމް ކުރާނެ. ޕީއެސްޖީ އިން ވަނީ އެކަމަށް ރަނގަޅު ޕްލޭނެއް ވެސް ހަދާފަ. އެއީ ސްކޮޑުގައި ތިބޭ ޕްރޮފެޝަނަލް ކުޅުންތެރިންގެ އަދަދު މަދުކޮށް ޒުވާން ކުޅުންތެރިންނަށް ދޭ ފުރުސަތު އިތުރުކުރުން. އޭރުން ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް އެ ކުޅުންތެރިން ދޫވެގެން ނުދާނެ" ޕީއެސްޖީގެ ޕްލޭން ހާމަކުރަމުން ކެމްޕޯސް ބުންޏެވެ.

ބަލަގޫ ބުނީ ޕީއެސްޖީގެ އާ އެއްބަސްވުމުގައި މެސީ ސޮއިކުރާނީ މުސާރަ އާއި އެއްބަސްވުމުގެ މުއްދަތަށް ބެލުމަށް ފަހު ކަމަށެވެ.

ޕީއެސްޖީ އިން މެސީގެ އެއްބަސްވުން އާކުރަން މަސައްކަތް ކުރާއިރު މި ސީޒަނުގައި މެސީ ވަނީ އެ ކްލަބަށް ކުޅުނު 30 މެޗުގައި 18 ގޯލު ޖަހައިފަ އެވެ.

މި ސީޒަނުގައި މެސީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިދިޔަ ޑިސެމްބަރު މަހު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މެސީގެ ކެޕްޓަންކަމުގައި އާޖެންޓީނާ ވަނީ ހޯދާފަ އެވެ. އެހެންވެ މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދުމުގެ ރޭހުގައި ވެސް އެންމެ ކުރީގައި އުޅެނީ މެސީ އެވެ.

މި ލިއުމާއި ގުޅޭ