ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްދާ، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، "އައިޓީބީ ބާލިން 2023" ގައި ދިވެހި ސަގާފަތް ދައްކަން، ރާއްޖޭގެ ގުރޫޕަކުން ނެށި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުން މިއަދުގެ ނިޔަލަށް ބާލިންގައި ކުރިއަށްދާ އެ ފެއާގައި ދިވެހި ސަގާފަތް ދައްކާލަން ނެށީ ޕްރޮފެޝަނަލް ނަށާ ގުރޫޕެއް ކަމަށްވާ "ޑައިނިސިއެކް" ކިޔާ ގްރޫޕެއްގެ ނެށުންތެރިންނެވެ. އެކަމަކު އެމީހުން ދިވެހި ދިގުހެދުން ލައި، ފޭލި އަނދެގެން ނެށީ ދިވެހި ސަގާފީ ނެށުމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
ބައެއް ފަރާތްތަކުން އަންނަނީ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ ސަގާފަތް ދައްކަން އެ ނެށުން އެޕްރޫވްކުރީ ކޮން ބައެއްތޯ ސުވާލު ކުރަމުންނެވެ. އަދި އެއީ އެއްގޮތަކަށްވެސް ރާއްޖޭގެ ސަގާފީ ނެށުން ބޭރުގެ ދުނިޔެއަށް ދައްކައިގެން ވާނެ ގޮތް ނޫންކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
އައިޓީބީ ބާލިން އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ، ވިޔަފާރި ކުރިއެރުވައި އިޝްތިހާރު ކުރުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު އެ ފެއާގައި، ރާއްޖޭގެ ސަގާފަތް ދައްކާލުމަށްޓަކައި ގްރޫޕްތަކުން ބައިވެރިވާ މީހުންނާއެކު، 300 އެއްހާ މީހުން ރާއްޖެއިން ބައިވެރިވި އެވެ.
އެކަމަކު ޑައިނިސިއެކްގެ ނެށުންތެރިން "ދިވެހި ލިބާސް ލައިގެން އެ ނެށި ނެށުމަކީ ދިވެހި ސަގާފަތާއި ދިވެހި ނެށުމާއި ގުޅުންހުރި ކަމެއްވެސް ނޫން،" ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި އެގޮތަށް ނަށަން ދިވެހި ހެދުން ނުލުމަށް މީހުން އެދުނެވެ.
"ދިވެހި ކަނބަލުންގެ އަގު ވެސް ވައްޓާލައިފި ބޭރުގެ ދުނިޔެއަށް. މީކީ ދިވެހި އަންހެން ވެރިންގެ ސަގާފީ ނެށުމެއް ނޫން،" މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
އެކަމަކު ބައެއް ދިވެހިންނަށް އެ ނެށުން ކަމުދިޔަ އެވެ. އެމީހުން ފާހަގަކުރި ގޮތުގައި އެއީވެސް "އާޓް" ގެ ވައްތަރެކެވެ.