ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މި މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ދަރިފުޅު އަހުމަދު ތޮއިބާން މުހައްމަދާއި އެކު އެއްކޮޓަރިއަކުން ހައްޔަރު ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޑިޑަރު އަލަމް ބުއިޔަންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ތޮއިބާން އާއި އަލަމް ބުއިޔަން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައެވެ. ދެ މީހުންނަށް އެއް ތުހުމަތެއް ކުރެވުނު ނަމަވެސް ތޮއިބާންއަށް ކޯޓުން ޖަހާފައިވަނީ 3 ދުވަހެވެ. އެފަހުން އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވެއެވެ.