ޕްލާސްޓިކް މަދުކުރަން އެމެރިކާއާއި ގުޅިގެން ރާއްޖޭގައި ބޮޑު މަޝްރޫއެއް މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ފަށައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ފަށްޓަވައި ދެއްވި އެ މަޝްރޫއު ފެއްޓެވުމުގެ ގޮތުން، އެ ސަރަހައްދުގެ ގޮނޑުދޮށް ވަނީ ސާފް ކޮށްފައެވެ.
މި މަޝްރޫއަކީ ޔުނައިޓަޑް ސްޓޭޓްސް މިޝަން ޓު މޯލްޑިވްސް، ޔޫ އެސް އެއިޑް/ސްރީ ލަންކާ އެންޑް މޯލްޑިވްސް މިޝަން، ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ޕުލާސްޓިކުގެ އައު އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުކޮށް ކުނި މެނޭޖްކުރުން ތަރައްގީކޮށް އުކާލެވޭ ޕުލާސްޓިކު ކުނި މަދުކުރުމަށް ސަމާލުކަންދީ ކުނި ނައްތާލުމުގެ މަސައްކަތް ހަރުދަނާކޮށް އަދި ރަށުފެންވަރުގައި ކުނިމެނޭޖްކުރުމަށް އެކަށީގެންވާ ހައްލެއް ހޯދާދިނުމަށާއި އެ މަސައްކަތް ހަރުދަނާކުރުމަށް މުޖުތަމައުގެ ފަރުދުންނަށް އެހީތެރިވެދިނުން ހިމެނޭކަމަށް މި މަޝްރޫއު އިންތިޒާމު ކުރި ފަރާތްތަކުން ބުނެފައިވެއެވެ.
މި މަޝްރޫއު 2027 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މައިގަނޑު އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކާއި މުއައްސަސާތައް ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ އުސޫލުތަކަށް އަހުލުވެރިކުރުވާ، އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކޮށް، ޕްލާސްޓިކުން ތިމާވެށި ރައްކާތެރިކޮށްދިނުމަށް ކަމަށެވެ.
ބަޖެޓެއްގެ ގޮތުގައި 5.7 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ އެ މަޝްރޫއުގެ ހަރަކާތްތައް ކަނޑައެޅުމުގައި ސަރުކާރާއި، އެހީދޭ ޖަމާއަތްތަކުން ކާމިޔާބުކަމާއެކު ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި ހިންގާފައިވާ ހަރަކާތްތަކާއި އައު އީޖާދީ ކަންކަމަށް ބަލާނެ އެވެ. އަދި މަސައްކަތްތައް ރަށުފެންވަރުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާ އަމިއްލަ ފަރުދުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް އެފާރާތުން ބުނެއެވެ.
މީގެ އިތުރުން ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި އަދި ރަށުފެންވަރުގައި ބޭނުންކުރެވޭ ކުނި މެނޭޖް ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ވެސް މި މަޝްރޫއުގެ ދަށުން ބާރުއަޅާނެ އެވެ.