އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް އެމްއެންޕީން މިއަދު ހުށަހަޅައިފި އެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި އައްޑޫ ހުޅުދު އަށް އުފަން އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ އެ ޕާޓީން ވަރަށް ފަހުން އައްޑު އަށް ކުރި ދަތުރުގައި އެ ސިޓީގެ ތަރައްގީއާ ގުޅޭ މަޝްރޫއުތަކާ މެދު އައްޑޫ މީހުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި މި ސަރުކާރުގެ ބައެއް މަޝްރޫއުތަކާއި ސަރުކާރުން ޝާމިލްވާ ތަފާތު އެކި ވިޔަފާރިތައް ހިމެނޭ ކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށް މިއަދު ހުށަހެޅި ޝަކުވާ ތަކުގެ ތެރޭގައި ފާހަގަ ކޮށްފައިވެއެވެ.
"އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ ހުރީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައި ނުދެއްވުމާއި މަޝްރޫއުތައް ހުއްޓިފައި ވުމާއި ނުވަތަ މަޝްރޫއުތައް ރޭވިފައިވާ ގޮތް ސާފުނުވުން ފަދަ ކަންކަމާ މެދުގައި،" އެމްއެންޕީން ބުންޏެވެ.
އައްޑުއާ ގުޅޭ ގޮތުން އެމްއެންޕީން ފާހަގަކުރި ކަންކަމުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓް ބަންދުކޮށް، ގިނަ ދުވަސްތަކެއް ވެ، އެ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް ނުހިނގާ މައްސަލަ އާއި އައްޑޫގައި 8،000 ޓޫރިސްޓު އެނދު ތަރައްގީ ކުރާނެ ކަމަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާ މައްސަލަ ހިމެނެއެވެ.
މި ކަންކަމުގެ ސަބަބުން އައްޑޫގެ ތަރައްގީ އާއި އިގްތިސޯދުގެ ދުވެލި މަޑުޖެހި، އެ ސިޓީގެ މީހުންނަށް ލިބެން ޖެހޭ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ނުލިބި އެތައް ގެއްލުންތަކެއް ވަމުންދާ ކަމުގެ ޝަކުވާ ވެސް އެމްއެންޕީން ވަނީކޮށްފައެވެ.
އެމްއެންޕީއިން އެދިފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ވަރު ބަލާ ކޮމިޓީން އެ މައްސަލަތައް ބަލައި، ސަރުކާރު ޖަވާބުދާރީ ކުރުވައި، އެ މައްސަލަތައް ހައްލުކޮށް، މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެ ކޮމިޓީން މަސައްކަތް ކޮށްދިނުމަށެވެ.