މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ނުދެވެނީ ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ހުއްދަ ނުދީގެންކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ހާޒިރީ ބޯނަހުގެ ގޮތުގައި ކޮންމެ ދުވަހަކަށް 75 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދިނުމަށް ނިންމާފައެވެ.
އެގޮތުން އެ ކައުންސިލުން ބުނާގޮތުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އެ ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ޕޭ ކޮމިޝަނަށާއި ފިނޭންސް މިނިސްޓްރީއަށް ކައުންސިލުން ވަނީ ހުށަހަޅާފައެވެ.
ކައުންސިލްގެ މިއަދުގެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، މުވައްޒަފުންނަށް ހާޒިރީ ބޯނަސް ދިނުމަށް ފާސްކުރިތާ އަހަރެއްހާ ދުވަސް ވީއިރު ވެސް އެކަން ހަމަނުޖެހި އޮތީ ސަރުކާރުން އެކަމުގެ ހުއްދަ ނުދީގެންކަމަށެވެ. އެގޮތުން އެ ހުއްދަ ދިނުމަށް މިހާރު ތިންވަނަ ފަހަރަށް އެދިފައި ވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެހެންކަމުން އެއީ ކައުންސިލްގެ މުވައްޒަފުންނަށް ދޭން ޖެހޭނެ ފައިސާއެއްކަމަށާއި ސަރުކާރުން އެކަމަށް ހުރަސް އަޅައިގެން ނުވާނެކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންނަށް ބޯނަސް ދިނުމާ ގުޅޭގޮތުން އެކަމުގެ ހުއްދައަށް އެދި ޕޭ ކޮމިޝަނަށް މިދިޔަ އަހަރުގެ މޭ މަހު ފޮނުވި ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާތީ އެކަން މިވަގުތު ވާން ނެތް ކަމަށް އެ ކޮމިޝަނުގެ ރައިސްގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ޖަވާބު ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެފަހުންދެވަނަ ފަހަރަށް އެކަމާއި ގުޅިގެން ކައުންސިލުން ސިޓީ ފޮނުވިކަމަށާއި ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދިނީ ހަމަ އެ ޖަވާބުކަމަށް މުޖުތަބާ ވިދާޅުވިއެވެ.