"އިޑިއަޓް"އިން ކަންކަމާ ހަވާލުވީމައި ގައުމުގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުން ދާކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެންބަރު ސައީދު މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ހަދަން ނުޖެހޭ ގޮތަށް ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ.
އިސްލާހުތަކުގައިވަނީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކަކީ ސަލާމަތީ ހިދުމަތެއްގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށްޓަކައި ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބެކްގްރައުންޑް ޗެކް ހެދުމަށް ލާޒިމްކުރާ ކުރުމަށް ނިންމުމެއް ގެނައުމަށް ހުށަހަޅާފައެވެ.
މެންބަރު ސައީދު ވަނީ މި އިސްލާހުތަކަށް ދެކޮޅުކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައަށާއި ރައްޔިތުންނަށްވެސް ނޭދެވޭ އަސަރުތަކެއް އަންނާނެކަމަށް ސައީދު ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ސައީދު ވަނީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަތަކުގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސްދިނުމަށް ހެކިވެރިންނަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ނުފޫޒު ފޯރުވި އަޑުއިވޭ އޯޑިއޯ ރެކޯޑިންއެއް ލީކުވި މައްސަލަ ފާހަގަކުރައްވާފައެވެ.
ސައީދު އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން ގައުމު ކުރިއެރުމުގެ ބަދަލުގައި ގައުމުގެ މިސްރާބު ހުރީ ފަހަތަށް ކަމަށެވެ.