Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ޗެލްސީ ގޮވައިގެން ޕޮޓާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް

ނަތީޖާ ނުނެރެވޭތީ ފާޑުކިޔުން އަމާޒުވެފައިވާ ކޯޗު ގްރަހަމް ޕޮޓާ، ޗެލްސީ ގޮވައިގެން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޗެލްސީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަމިއްލަ ދަނޑުގައި 0-2 އިން ބަލިކޮށްގެންނެވެ. މި ދެޓީމު ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ވަނީ 0-1 އިން ބަލިވެފަ އެވެ. އެކަމަކު ރޭގެ ނަތީޖާއާ އެކު ޗެލްސީ އަށް އެގްރިގޭޓުން ކުރި ލިބުނީ 1-2 އިންނެވެ.

މިއީ ފާޑުކިޔުން އިންތިހާއަށް އަމާޒުވެފައިވަނިކޮށް ޕޮޓާ އަށް ލިބުނު މުހިއްމު މޮޅެކެވެ. ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލު 43 ވަނަ މިނެޓުގައި ޖެހީ ރަހީމް ސްޓާލިން އެވެ. ދެވަނަ ގޯލު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ކައި ހަވާޓްޒް އެވެ.

ހަވާޓްޒް ފުރަތަމަ ފޮނުވާލި ޕެނަލްޓީ ޖެހުނީ ދަނޑީގަ އެވެ. އެކަމަކު އެވަގުތު ދެޓީމުގެ ބައެއް ކުޅުންތެރިން އޭރިޔާތެރޭ ތިބުމުން ރެފްރީ ނިންމީ އަލުން ޕެނަލްޓީ ޖަހާށެވެ. ދެވަނަ ފުރުސަތުގެ ބޭނުންހިފައި ހަވާޓްޒް ޗެލްސީ އަށް މޮޅު ކަށަވަރުކޮށްދިނެވެ.

މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އޮތީ 10 ވަނައިގަ އެވެ. އެހެންވެ ގަދަ ހަތަރެއްގައި ހިމެނިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ޗެލްސީ އަށް އުނދަގޫވާނެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިނަމަ އެޓީމަށް އަންނަ ސީޒަނުގެ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ބެންފީކާ ވަނީ އަމިއްލަ ދަނޑުގައި 1-5 އިން ކްލަބް ބްރޫހާ ބަލިކޮށްފަ އެވެ. މި ދެޓީމު ބްރޫހާގެ ދަނޑުގައި ކުޅުނު މެޗު ބެންފީކާ ކާމިޔާބުކުރީ 0-2 އިންނެވެ. އެޓީމު ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ 1-7 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭ ވެސް ފޯރިގަދަ ދެ މެޗު ކުޅޭނެ އެވެ. އެއީ ބަޔާން މިއުނިކް އާއި ޕީއެސްޖީ ވާދަކުރާ މެޗުގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާ އާއި އޭސީ މިލާން ވާދަކުރާ މެޗެވެ. ފުރަތަމަ ލެގްގެ މެޗުތަކަށް ފަހު ކުރީގައި އޮތީ ބަޔާން އާއި މިލާން އެވެ.

މި ލިއުމާއި ގުޅޭ