Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންވިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ

މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި މައުދަންތައް ގުދަންކުރާތީ އެކަމުގެ ޝަކުވާ އިތުރުވެއްޖެ: އީޕީއޭ

މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުން ފަދަ މަސައްކަތް ކުރުން އިތުރުވެފައި ވާތީ އާންމުންގެ ޝަކުވާ އިތުރު ވެފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި މިކަހަލަ މަސައްކަތް ކުރުން އިތުރުވެ، މީހުންނަށް ތަފާތު އެކި އުދަނގޫތައް ވަމުންދާ ކަމަށާއި ސިއްހީ ގޮތުން އެ މީހުން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ޝަކުވާ ވެސް އެ އެޖެންސީ އަށް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން، ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ހުއްދަ ހޯދައިގެން ކަމަށް އީޕީއޭއިން ހަނދާންކޮށްދިނެވެ. ހުއްދަ ނެތި އެކަހަލަ މަސައްކަތްތައް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް ވެސް އީޕީއޭގެ އިއުލާނުގައި ބުންޏެވެ.

އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހިނގާވެބިގާވެ އުޅޭ މީހުންގެ ސިއްހަތަށް ވެސް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އަދި އެކަހަލަ މަސައްކަތްތަކަކީ ކުނީގެ އަދަދު މަދުކުރުމަށް ކުރެވޭ ކަމަކަށް ވިޔަސް، އެ މަސައްކަތްތައް ކުރަން ވާނީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

"އެހެންކަމުން، އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދި މި އެޖެންސީ އަށް ހުށަހެޅުމަށް ދަންނަވަމެވެ،" އީޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެއިލާނުގައި ބުނެފައިވަނީ އިންސާނުންގެ ސިއްހަތާއި އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ވާތީ، އެކަހަލަ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އެ އެޖެންސީއަށް މިކަމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މާލޭގައި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މިހާތަނަށް ހިނގާފައިވަނީ ގަރާޖުތަކުގައި ރޯވެގެންނެވެ. މިކަމާ ގުޅިގެން އާންމުން އަބަދުވެސް ޝަކުވާ ކުރެއެވެ. މީހުން ދިރިއުޅޭ ތަންތަނުން ގަރާޖުތައް ގެންދިޔުމަށް ސިނާއީ ސަރަހައްދެއް ކުރީ ސަރުކާރުން ކަނޑައެޅިއެވެ. އެބިން ހިއްކައި ބޮޑު ޖާގައެއް އެކަމަށް ހުސްކުރި ނަމަވެސް އެތަނުގައި އަދިވެސް އެފަދަ އެއްވެސް ކަމެއް މިސަރުކާރުން ކުރަމުން ނުދާކަން ފާހަގަ ކުރެވެއެވެ.

މި ލިއުމާއި ގުޅޭ