Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް އިސްމާޢީލް (އިބުރާ)

ގާނޫނު އަސާސީގައި ހުރި ގިނަ އަސާސީ މަފްހޫމްތަކެއް ދައުލަތުގެ އިދާރާތަކަށް ސާފު ނުވޭ: އިބުރާ

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ހުރި ވަރަށް ގިނަ އަސާސީ މަފްހޫމްތައް ދައުލަތުގެ އިދާރާތަކަށް ސާފު ނުވާކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އައު ގާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރުކަން ކުރެވި އިބުރާ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައި ވަނީ ގާނޫނު އަސާސީ މާނަ ކުރަމުންދާ ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާފައެވެ.

އެހެންކަމުން އެ މައްސަލަތައް ދިރާސާކުރުމަށް އެދިވަޑައިގެން ރައީސް ނަޝީދު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން އެ ކޮމެޓީން ވަނީ މިއަދު އިބުރާއާ ބައްދަލުކޮށްފައެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން އިބުރާ ވިދާޅުވީ ގާނޫނު އަސާސީގައި ހުރި ވަރަށް އަސާސީ މަފްހޫމްތަކެއް ދައުލަތުގެ އިދާރާތަކަށް ސާފު ނުވާކަމަށާއި އޮޅުން އަރާ އެފަދަ މަފްހޫމްތައް ސާފު ކުރަން އިދާރާތަކުން މަސައްކަތް ވެސް ނުކުރާކަމަށެވެ.
އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކެއް ނިކުންނަކަމަށް އިބުރާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އިބުރާ ވިދާޅުވީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތައް ތަބާވާން ވާނެކަމަށް ބުނެފައިވާ ބުނުން ވަރަށް ގިނަ ވަކީލުންނާއި ބަންޑާރަ ނައިބު ވެސް މައްސަލަތަކުގައި ބޭނުންކުރައްވަމުން އަންނަކަމަށާއި ނަމަވެސް އެ އަކުރު ލިޔެވުނު ގޮތް އެއްވެސް ބޭފުޅަކު ސާފުކުރައްވާތަން ނުފެންނަކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ މާއްދާތަކުގެ ވަކި ވަކި އަކުރުތައް ބޭނުންކުރައްވައިގެން ދައުލަތުގެ ބަންޑާރަ ނައިބުވެސް ކޯޓުތަކުގައި ކަންކަން ވަރަށް ގޯސްކޮށް ކުރިއަށް ގެންދަވާކަމަށެވެ.

އިބުރާ ވިދާޅުވިގޮތުގައި ގާނޫނު އަސާސީގައި ހިމެނޭ މާއްދާތަކުގެ މިފަދަ ވަކިވަކި އަކުރުތައް ނަގައިގެން ބޭނުން ނުކުރެވޭނެއެވެ.

އެގޮތުން އިބުރާ ވަނީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ލިޔެވުނު ގޮތުގެ ތަފްސީލު ކިޔާދެއްވާފައެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނު އަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސްޕްރީމް ކޯޓަށްކަމަށެވެ.

އެހެންކަމުން 143 ވަނަ މާއްދާގެ މަފްހޫމްގައި އޮތީ ގާނޫނު އަސާސީއާ ގާނޫނު މާނަކުރުމުގެ ވާހަކަކަމަށް އިބުރާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ މާއްދާގެ (ށ) ގައި ކޮންމެ ކޯޓެއްގައި ވިޔަސް ބަލަމުންދާ މައްސަލައެއް ގާނޫނު އަސާސީ މާނަ ކުރަން ޖެހިއްޖެ ނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަށް ގާނޫނު އަސާސީ މާނަކުރުމަކީ މާއްދާގެ (ހ)އާ ތައާރުޒްވާކަމެއް ނޫންކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އަދި (ށ) އިސްތިސްނާއެއްގެގޮތުގައި ލިޔެފައިވަނީ ދަށު ކޯޓުގައި މައްސަލަތައް ހިނގަމުންދާއިރު ސްޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެއް އެ މައްސަލަ ނުނިންމާ ނުބޭއްވޭނެތީކަމަށެވެ. އެހެންކަމުން މި އަކުރުގެ ސަބަބުން އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް އެ މައްސަލައަކާ ގުޅިގެން ގާނޫނު މާނަ ކުރެއްވުމުގެ ބާރު އޮންނާނެކަމަށް އިބުރާ ވިދާޅުވިއެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ ކޮންމެ ކޯޓަކަށް އެ ކޯޓެއް ހިމެނޭ މަރުހަލާއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށް ވާއިރު މަތީ މަރުހަލާތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާ ވާން ވާނެކަމަށް ބުނާ އަކުރު (ރ) އަންނަނީ (ނ)ގެ ފަހަތަށްކަން އިބުރާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އިބްރާ ވިދާޅުވިގޮތުގައި 143 ވަނަ މާއްދާގެ (ރ)ގެ މަފްހޫމަކީ ރައްޔިތުން މަޖިލީހުން އިތުރު ބަދަލެއް ނުގެންނަހާ ހިނދަކު ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ މާނަކަމަށް ސްޕްރީމް ކޯޓުން ނުވަތަ ހައިކޯޓުން ގޮތެއް ނިންމުމުން ދެން އެ މާއްދާ ނުވަތަ އެ ގާނޫނު މާނަކުރަން ޖެހޭނީ އެގޮތަށް ކަމެވެ.

މިކަން ފާހަގަކުރައްވާ އިބުރާ ވިދާޅުވީ ގަނޫނު އަސާސީ ފަރުމާކޮށްފައި އޮންނައިރު އެންމެ މާއްދާއެއް އެކަނި ނަގައިގެން ގާނޫނު އަސާސީ ނޭނގޭނެކަމަށާއި ގާނޫނު އަސާސީގައި އެކި މާއްދާތައް ހުންނައިރު ގާނޫނު އަސާސީގެ އަސްލު މަޤުޞަދާ ދިމާލަށް ދަތުރުކުރެވެނީ ހުރިހާ މާއްދާއެއް އެއްވީމައިކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ހުރިހާކަމެއްވެސް ހިންގަން ޖެހޭނީ ގާނޫނު އަސާސީގެ އިމުގެ ތެރެއިންކަން ފާހަގަކުރައްވާ އިބުރާ ވިދާޅުވީ ދައުލަތުގެ އިދާރާތަކުންވެސް އަދި ކޯޓުތަކުގެ ފަނޑިޔާރުންވެސް އަމަލުކުރަން ޖެހޭނީ ޖެހޭނީ ގާނޫނު އަސާސީއާ ގާނޫނަށްކަމަށެވެ.

މި ލިއުމާއި ގުޅޭ