ސިޔާސީ މަންފާއާއެކު 30 މިލިއަން ރުފިޔާ ލިބޭ ގޮތަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއީދުކުރަން އެއްބަސްވެއްޖެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު، އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލައްތީފް ދޮގުކުރައްވައިފި އެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އިއްޔެ ވަނީ ޖޭޕީގެ ލީޑަރު ގާސިމާއެކު ސަން އައިލެންޑް ރިސޯޓުގައި ބައްދަލުވުމެއް ބާއްވާފަ އެވެ.
ގާސިމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވައި، ވަކިން ނިކުމެވަޑައިގަންނަވަން ނިންވައިފި ނަމަ، އަދާލަތުން ގާސިމަށް ތާއީދު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމްރާން އެ ބައްދަލުވުމުގައި ދެެއްވާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ތާއީދު ކުރައްވަން ނިންމެވީ 30 މިލިއަން ރުފިޔާއާއި ސިޔާސީ މަންފާ ލިބޭ ގޮތަށް ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
އެކަން ދޮގުކޮށް އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮގު ވާހަކަ ފަތުރާ ނޫސްތަކާމެދު ފަރުވާތެރިވާންޖެހޭ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ އެއްވެސް މެންބަރަކު އެފަދަ ދަށު ދަރަޖައިގެ އަމަލެއް ނުކުރާނެ ކަމަށް އިޔާޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ތާއީދުކޮށް، ކޯލިޝަން ހަދަން އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ.
ރިޔާސީ އިންތިހާބަށް ޖޭޕީއާ އެކުވެސް ކޯލިޝަން ހަދަން ރައީސް އިބްރާހީމްގެ ފަރާތްޕުޅުން ގާސިމާ މަޝްވަރާކުރެއްވި ނަމަވެސް ޖޭޕީން އަދި ގޮތެއް ނުނިންމަ އެވެ.