ގައުމުން އަރުވާލެވިގެން ހުންނެވި ބެލަރޫސްގެ އިދިކޮޅު ލީޑަރު ސްވިޓްލާނާ ސިކަނޯސްކާޔާގެ މައްޗަށް ގައުމަށް ހިޔާނާތްވުމާއި އަދި ގަދަބާރުން ވެރިކަން ހޯދަން މަސައްކަތް ކުރިކަމުގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
2020 ގެ ރިޔާސީ އިންތިހާބުގައި، މިހާރު ބެލަރޫސްގެ ވެރިކަމުގައި ހުންނެވި އެލެކްސެންޑާ ލުކްޝެންކޯއާއި ދެކޮޅަށް ކުރިމަތިލެއްވުމަށް ފަހު އިންތިޔާބު ބޮޑުތަނުން ނާކާމިޔާބުވުމުން، ގައުމު ދޫކޮށްލާފައި އަވަށްޓެރި ލިތުއޭނިއާއަށް ސިކަނޯސްކާޔާ ފިލާވަޑައިގެންނެވިއެވެ. އެ އިންތިހާބުގެ ނަތީޖާއަކީ އިންތިޒާމްކޮށްގެން އޮޅުވާލައިގެން ނެރުނު ނަތީޖާއެއްކަމަށް ސިކަނޯސްކާޔާ ތުހުމަތު ކުރެއްވުމުގެ ސަބަބުން، ގައުމުގައި ފުޅާކޮށް އިހްތިޖާޖުވެސް ކުރިއެވެ.
30 އަހަރުގެ ދިގު ވެރިކަމެއްގެ ދައުރުތަކުގައި އިހްތިޖާޖް ހިންގުމާއި ގުޅިގެން ގާތްގަނޑަކަށް 35،000 މީހުން، ލުކްޝެންކޯގެ ސަރުކާރުން ހައްޔަރުކުރިއެވެ. މިފަހުގެ އިންތިހާބުގެ ފަހުންވެސް ހިނގި އިހްތިޖާޖްތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ އިދިކޮޅު ފަރާތްތަކާއި އަދި އެކްޓިސްޓުންތަކެއް ހައްޔަރުކޮށް، ބަޣާވާތްކޮށްގެން ސަރުކާރު ވަށްޓާލަން އުޅުނުކަމުގެ ދައުވާތައް އުފުލިއެވެ. އިތުރު ގިނަ އިދިކޮޅުގެ ބޭފުޅުން ގައުމު ދޫކޮށް ފިލާވަޑައިގެންނެވިއެވެ.
ބެލަރޫސްގެ ސިޔާސަތުތަކަށް ޑިމޮކްރެޓިކް ބަދަލުތަކެއް ގެނައުމަށް ކުރި އެތަކެއް މަސައްކަތުގެ ބަދަލުގައި ސަރުކާރުން ދިން "ހަދިޔާ"އެއް ކަމަށް ޖަލު ހުކުމް ސިފަކުރައްވައި ނުރުހުންފާޅުކުރައްވަމުން، "އަޅުގަނޑު މިއަދު ކަންބޮޑުވަނީ އަޅުގަނޑުގެ ޖަލު ހުކުމް ތަންފީޒްކުރުމެއް ނޫން، ނަމަވެސް އަޅުގަނޑުގެ ފިކުރަށް ތާއީދުކުރުމުން ނުހައްގުން ބަންދު ކޮށްފައިވާ ހާހެއްހާ މީހުންގެ މެދުގައި. އެ އެންމެން މިނިވަން ނުކުރާ ހިނދަކު އަޅުގަނޑުގެ މަސައްކަތް ހުއްޓައެއް ނުލާނަން" ސިކަނޯސްކާޔާ ވިދާޅުވިއެވެ.