ޝަރުއީ ދާއިރާއަށް ގެންނަން އިސްރާއީލު ސަރުކާރުން ރާވާފައިވާ ބޮޑެތި ބަދަލުތަކާ ދެކޮޅަށް އެ ޤައުމުގެ އާންމުން ކުރަމުން އަންނަ ބޮޑު މުޒާހަރާތަކަށް އިޝާރާތްކުރައްވައި މިހާރު އެ ޤައުމަށް ކުރިމަތިވެފައިވަނީ "ތާރީޚީ ކާރިސާއެއް"ކަމަށް އިސްރާއީލުގެ ރައީސް އިސްއާކް ހަރްޒޯގް ބުނެފިއެވެ.
"އަހަރުމެން މިތިބީ އަހަރުމެންގެ އެތެރެއިން އަހަރުމެން ފަނާވެގެން ހިނގައިދާނެ ކާރިސާއެއްގެ ތެރޭގައި،" ލޯކަލް ކައުންސިލުތަކުގެ ވެރިންނާއި 100 މޭޔަރަކާ ބައްދަލުކުރައްވައި ދިން ތަގުރީރެއްގައި ހަރްޒޯގު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިސްރާއީލު މިހާރު އޮތީ އެ ޤައުމު އުފެދުނު ފަހުން މިހާތަނަށް ކުރިމަތިވި އެންމެ ދަތި އުދަގޫ ހާލަތުގައެވެ. "މިސައިލެއް ނެތް. އެލާމެއް ނާޅާ. ރަތް އިންޒާރެއްވެސް ނެތް. އެކަމަކު އަހަރުމެން އެންމެނަށް ބޮޑު ޤައުމީ ނުރައްކަލެއް ކުރިމަތިވެފައިވާކަން އިހުސާސްވޭ،" ހަރްޒޯގު ބުންޏެވެ.
ޖުޑީޝަރީ އިސްލާހުކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހުށަހަޅާފައިވާ ޕްލޭނާ ގުޅިގެން ފާއިތުވި ހަފުތާގައި އެތައް ހާސް އިސްރާއީލު މީހުންނެއް މަގުތަކަށް ނިކުމެ އިހުތިޖާޖުކޮށްފައިވެއެވެ.
ޖަސްޓިސް މިނިސްޓަރު ލަރިވް ލެވިން ހުށަހަޅާފައިވާ ބަދަލުތައް ގެނެސްފިނަމަ އެ ބަދަލުތައްވާނީ އިސްރާއީލުގެ ދައުލަތް އުފެދުނު ފަހުން އެ ދައުލަތުވެރިކަން ވެރިކަންކުރުމުގެ ނިޒާމަށް ގެންނަ އެންމެ ބޮޑު ބަދަލަށެވެ.
މި އިސްލާހު ގެނެސްފިނަމަ، އިސްރާއީލުގެ ސުޕްރީމް ކޯޓުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވި، މިނިސްޓްރީތަކަށް ޤާނޫނީ މުޝީރުން ބަންޑާރަނައިބު އައްޔަންކުރުންވެސް ނިމުމަކަށް ގެނެވޭނެއެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާކޮށް ޝަރުއީ މަރުހަލާއަށް ނަތަންޔާހޫގެ މައްސަލަތަކެއް ހުރީ ހުށަހެޅިފައެވެ. އޭނާ ބުނާ ގޮތުން ޝަރުއީ ދާއިރާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރާނެ އިސްލާހުތަކެކެވެ.
ހަރްޒޯގް ބުނި ގޮތުގައި އިސްރާއީލުގެ ވާދަވެރި ސިޔާސީންގެ މެދުގައި އެ އިސްލާހުތަކާ ގުޅޭ އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. "ދެ ފަރާތަށްވެސް އެކަށީގެންވާ ޖަވާބެއް ލިބޭނެ އޮނިގަނޑެއް އަހަރެއް ހުށަހަޅައިފިން. އެ އޮނިގަނޑަކީ ބާރުތަކުގެ މެދުގައި ދުޅަހެޔޮ ތިލަފަތްހެޔޮކަމެއް ޤާއިމުކުރާނެ އޮނިގަނޑެއް،" ހަރްޒޯގް ބުނެފައިވެއެވެ.