Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އަނިޔާގެ ސަބަބުން ނޭމާ އަށް ސީޒަން ނިމިއްޖެ

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އަށް މިދިޔަ މަހު ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދަންޖެހި، ސީޒަނުގެ ބާކީ ބައިގައި ދެން ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވީ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު ފްރެންޗް ލީގުގައި ލިލްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގަ އެވެ. އޭރުވެސް ނޭމާގެ އަނިޔާ ސީރިއަސް ކަމަށް ބެލެވުނެވެ. ނޭމާ ސާޖަރީއަކަށް ދާންޖެހޭކަން ޕީއެސްޖީ އިން ހާމަކުރީ އިއްޔެ އެވެ. އެ ކްލަބުން ބުނީ، ނޭމާގެ އަނިޔާއާ ގުޅިގެން ތިނެއް ނޫނީ ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

އުމުރުން 31 އަހަރުގެ ނޭމާ ވަނީ މި ސީޒަނުގެ ފްރެންޗް ލީގުގައި 13 ގޯލު ޖަހައި 10 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

ފަޔަށް އަނިޔާވުމުގެ ސަބަބުން މީގެ ކުރިން ވެސް ނޭމާ އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.

ޑިސެމްބަރު މަހު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗުގައި ނޭމާ އަށް ނުކުޅެވުނެވެ.

2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ނޭމާ އަށް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އަދި، 2021 ވަނަ އަހަރު ވެސް ހަފްތާތަކަކަށް ނޭމާ ކުޅުމާ ދުރަށްދާން ޖެހުނީ އެއް އަނިޔާއެއް ތަކުރާރުވުމުންނެވެ.

ނޭމާ ނުލައި ސީޒަނުގައި ބާކީ ބަޔަށް ޕީއެސްޖީ ނުކުންނައިރު އެޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގަ އެވެ. އެކަމަކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން ފުރަތަމަ ލެގްގައި ބަލިވެފަ އެވެ. ދެވަނަ ލެގްގައި މާދަމާ ރޭ ރަށުން ބޭރުގައި ނޭމާ ނުލައި ބަޔާންއާ ދެކޮޅަށް ޕީއެސްޖީ ނުކުންނާނެ އެވެ.

ފްރެންޗް ލީގުގެ ފަހު މެޗުގައި ޕީއެސްޖީ ޖޫން ތިން ވަނަ ދުވަހު ކުޅޭނީ ކްލެމޮންޓާ އެވެ. ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގެ ފަހު މެޗަކީ ޗެމްޕިއަންސް ލީގު ފައިނަލެވެ. އެ މެޗު ޖޫން 10 ވަނަ ދުވަހު ކުޅޭއިރު ފައިނަލަށް ޕީއެސްޖީ ދިއަޔަސް ނޭމާ އަށް ނުކުޅެވޭނެ އެވެ.

މި ލިއުމާއި ގުޅޭ