ބާ ދަގަނޑު ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ތިލަފުށީ ކުޑަގިރިއަށް އެރި އިންޑިއާ ބޯޓު 3 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ބާ ދަގަނޑު ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ތިލަފުށީ ކުޑަގިރިއަށް އިންޑިއާގެ ބޯޓު އަރާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ތިލަފުށީ ފަރަށް އިންޑިއާގެ ބޯޓު އަރާފައިވާތަން ފެނިފައިވާ އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފަކު "ދިޔަރެސް"އަށް މީގެކުރިން ބުނީ އެ ބޯޓު ފަރަށް އަރާފައިވާތަން އޭނާއަށް ފެނުނީ އެދުވަހުގެ ހެނދުނު 10:00 ޖަހާ ހާއިރުކަމަށާއި ފެނުމާއިއެކު މެރިން ޓްރެފިކް ސިސްޓަމްއިން ބެލިއިރު ބޯޓު ފަރަށް އަރާފައިވަނީ އޭގެ ދެ ގަޑިއިރަށްވުރެވެސް ކުރިންކަމަށެވެ.
އަދި އެއީ އިންޑިއާއިން ތަރުކާރީ ފަދަ ތަކެތި ހިފައިގެން އަންނަ ބޯޓެއް ކަމަށާއި މި ބޯޓު ވަރަށް ގިނައިން ދަނގަޑު ބަރުކުރަން ތިލަފުށްޓަށް އަންނަކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ އެމްއެސްވީ.އެމްއެސް ރިޔަނަ ނަމަކަށް ކިޔާ އެ ބޯޓަކީ އިންޑިއާގެ ޓުޓިކޯރިންއަށް ދަތުރުކުރަމުން ދިޔަ ބޯޓެއްކަމަށެވެ.
މި މައްސަލައާ ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ބޯޓު ފުންކުރުމަށްފަހު އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުންނާއި އެ އެޖެންސީން ސާވޭ ކުރި އިރު, 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމަވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން 3,098,710 ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް އެސްއެމްޓީ.ޓީ ޖެސިންތަ ޖޫރިމަނާކޮށް, އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާނެ އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.