Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ގާޒީ ޝަކީލް ހައިކޯޓަށް ޕްރޮމޯޓްކުރި މައްސަލަ މަޖިލީހަށް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލު، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމި މައްސަލަ ބަލައިދިނުމަށް އިދޮކޮޅުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ޝަކީލަކީ، މަނީ ލޯންޑަރިންގެ މައްސަލައިގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވި ފަނޑިޔާރެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރަން އިއްޔެ ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން ބުނިގޮތުގައި އެ ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ ކުރިމަތިލުމުން ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ފާހަގަކުރި ގޮތުގައި ޝަކީލް ހައިކޯޓަށް އައްޔަންކުރަން ނިންމި އިރު، މީގެ ކުރިން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާ ވިދިގެން އޭނާވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކޮށްފަ އެވެ.

ސަރުކާރުގެ އިސްވެރިންގެ އަގުލަބިއްޔަތު އޮންނަ ޖޭއެސްސީއާ ގުޅިގެން ސަރުކާރުން ރައީސް ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނަށް ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުތަކުން އިސް މަގާމުތައް ދިނުމަކީ ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވުމަށް ސަރުކާރުން ހިތްވަރުދެމުންދާކަން ވަރަށް ސާފުކޮށް އެނގޭ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އަދި އެކަމަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ރައްޔިތުން ކުރަންޖެހޭ އިތުބާރަށް ބުރޫއަރައި، ރާއްޖޭގެ ރޫލް އޮފް ލޯ ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެ އަދި ގައުމުގެ ސުލްހަމަސްލަހަތު ގެއްލި، މުޅި ގައުމު ޖަރާބުގެ މަގަށް ފުރޮޅިގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީނގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު 25 ގައި އިއްވި ހުކުމް މިހާރު އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ޔާމީންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އެ ހުކުމްކުރި ގާޒީ ޝަކީލް ހައިކޯޓުގެ މަގާމަކަށް ކުރިއެރުން ދިނުމަކީ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި، މައްސަލައަށް ސަރުކާރުގެ ނުފޫޒު ފޯރުވައި ބޭނުން ގޮތަކަށް ހުކުމް ކުރުމަށް ހިންގާފައިވާ ކަމެކެވެ.

އެހެންކަމުން އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ މެދުވެރިކޮށް މައްސަލަ ބަލައިދިނުމަށް އޭނާ އެދިލެއްވި އެވެ.

މި ލިއުމާއި ގުޅޭ