ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޯޕަރޭޓް ގަވާނަންސް ކޯޑް (ސީޖީ ކޯޑް)ގައި ލާޒިމް ކުރާ ކަންކަން ނުކުރާތީ ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މިއަދު ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހިއްސާކޮށް އެ ރިޕޯޓާއި ގުޅިގެން ވާހަކަ ދައްކާފައެވެ.
އެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ރައްޔިތުން މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވަނީ ޕީސީބީގެ އަހަރީ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.
މީގެއިތުރުން 2022 ވަނަ އަހަރުގެ ކުންފުނިތަކުގެ ކުއާޓާލީ ރިޕޯޓުތައް ޕީސީބީން އާއްމުކުރަން ޖެހޭކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ އެ ރިޕޯޓުތައް އާއްމުކޮށްފައިވަނީ 2022 ވަނަ އަހަރު ފުރަތަމަ ކުއާޓާގައި އެކަނިކަމަށެވެ. އަދި 2 3 އަދި 4 ވަނަ ކުއާޓަރުގައި އެ ރިޕޯޓުތައް އާއްމުކޮށްފައެއް ނުވާކަމަށާއި އެފަދައިން އެ ރިޕޯޓުތައް އާއްމުކޮށްފައި ނުވަނީ ކީއްވެތޯ ޕީސީބީން ސާފުކުރަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ޕީސީބީން ރިޕޯޓު ހިއްސާކުރާއިރު އެ ބޯޑުގެ ދަށުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން މައުލޫމާތުތައް ހާމަނުކުރަނީ ކުންފުނިތަކަކުންތޯ ބުނެދޭން ޖެހޭކަމަށެވެ.
މެންބަރުންގެ ވާހަކަތަކަށް ފަހު ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބް ނިންމެވީ މި ރިޕޯޓާއި ގުޅިގެން ވާހަކަ ދެއްކުމަށާއި މެންބަރުން ކަންބޮޑުވުންތައް ހިއްސާކުރުމަށް މާދަމާ ހެނދުނު 11:00 އަށް ޕީސީބީ ކޮމެޓީއަށް ހާޒިރުކުރުމަށެވެ. އަދި ކޮމެޓީއަށް ހާޒިރުވާއިރު މެންބަރު ބޮންޑެ ހުށަހެޅުއްވި މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެ އިދާރާއަށް އަންގާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.