Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އަލީ ޝިޔާމް

ރައީސްގެ މެންބަރުންނަށް ޝިޔާމް: ހަޔާތެއް ހޭދަތިކުރަނީ ފެއިލްވެފައި އޮތް ސަރުކާރެއް ދިފާއުކުރުމުގައި!

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރައްވާ މެންބަރުން 5 އަހަރުގެ ހަޔާތެއް ހޭދަކޮށް ނިންމާލައްވަނީ ފެއިލްވެފައި އޮތް ސަރުކާރެއް ދިފާއުކުރުމުގައިކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އެ މެންބަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅާފައިވާ ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބެއް ބެއްވުމުގެ މައިގަނޑު ބޭނުމަކީ ސިޔާސީ ގިނަ ޕާޓީތަކެއް ހިމެނޭ ނިޒާމެއްގައި ކޮންމެވެސް ޕާޓީއަކުން ދިވެހި ރައްޔިތުންނަށް ވައުދުތަކެއްވެ ނުވަތަ ގައުމުގެ ހާލަތު ބަދަލުކޮށް ރައްޔިތުންގެ ދިރިއުޅުންތައް އެހާރަށް ވުރެ ތަނަވަސް ކުރާނެކަމުގެ ވައުދުތަކެއްވެ އިންތިހާބުވުންކަމަށެވެ.
އެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެޕްޕެއިނުގައި މިހާރުގެ ރައީސުލްޖުމުހުރިއްޔާ ދިވހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ދަތުރުކުރައްވަމުން ވިދާޅުވަމުން ގެންދެވި ވާހަކަތައް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އަމަލުކުރައްވާ ގޮތާ ދިމާނުވާކަމަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ޝާކުވާކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ރިޔާސީ އިންތިހާބޭ ބުނުމުން މިއަދު ރައްޔިތުންނަށް ހަނދާންވަނީ ރައީސް އިބްރާހިމް އޭރު ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދޭ ކަމުގެ ހަނދާތަކެވެ.

"ވަރަށް ގިނަ ވައުދުތައް، ބޯހިޔާވަހިކަމުގެ ވައުދުތަކާއި މަސްވެރިންނަށް ވެފައިވާ ވައުދުތައް، ކިޔަވާ ކުދިންނަށް ވެފައިވާ ވައުދުތައް، ފުދުންތެރިކަން ނެތް ފަރާތްތަކަށް ވެފައިވާ ވައުދުތަކާއި މިފަދައިން އެތަކެއް ވައުދުތަކެއްވެ އެ ވައުދުތައް ރައީސް އިބްރާހިމް ނުފުއްދަވާކަން ރައްޔިތުންނަށް ހަނދާންވަނީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް އިބްރާހީމް މީގެ ކުރިން ވެލެއްވި ވައުދުތައް މިހާރު ހަނދާން ނައްތާލައްވާފައިވާކަމަށާއި މިއަދު ފެންނަނީ ރަށްރަށަށް ކޮށްދެއްވާނެކަމަށް ރައީސް އިބްރާހިމް ވިދާޅުވި ވައުދުތައް މިހާރު އެއީ ވައުދެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވާތަން ކަމަށެވެ.

"ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތް އިރު ދައުލަތުގެ އާމްދަނީއާ ނުބައްދަލު މަސައްކަތްތަކެއް ކުރަމުންދާކަން މި ފެންނަނީ، ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑު، ރައީސުލްޖުމުހުރިއްޔާގެ ދަތުރުފުޅުތައް އެހާ ގިނަ" ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން 2018 ގައި ވެރިކަމަށް އަންނަން ރައީސް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މަތި ބަރު ނުވާނެކަމަށާއި ދައުލަތަށް ދަރަނި އިތުރު ނުކުރާނެ ވާހަކައާއި ވައިގެ ދަތުރުފަތުރުގެ އަގުތައް ތިރި ކުރާނެ ވާހަކައާއި މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނެ ވާހަކަތައްކަމަށާއި އެހެންނަމަވެސް ކަންހިނގަނީ އެއާ ހިލާފަށްކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ޖީބަށް އިތުރުވި އެއްވެސް ތަނަވަސްކަމެއް ނެތްއިރު މިއަދު މިވަނީ ރައްޔިތުން މުދަލަށް ކުރާ ހޭދަ އިންތިހާއަށް އިތުރުވެގެން ގޮސްފައިކަމަށެވެ. ނަމަވެސް އެކަންކަން މަޖިލީހުގެ ބައެއް މެންބަރުންނަށް ނުފެންނަކަން ފާހަގަކުރައްވާ ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ގައުމުގެ އިންފްލޭޝަން އިންތިހާއަށް މަތިވެ، ސަރުކާރުން ދެއްކި ވާހަކަތައް ދިމާ ނުވާއިރުވެސް މަޖިލީހުގެ ބައެއް މެންބަރުން 5 އަހަރު ދައުރު ހޭދަކުރައްވަނީ ސަރުކާރު ދިފާއުކުރުމުގައިކަމަށެވެ.

"ފެއިލްވެފައި އޮތް ސަރުކާރެއް ދިފާއުކުރުމުގައި ހަޔާތެއް ތިހޭދަކުރައްވަނީ" ރައީސް އިބްރާހީމަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުންނަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ