Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިދިކޮޅު އިއްތިހާދު

ރައީސް ޔާމީނުގެ އިސްތިއުނާފީ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑަރުން ހައިކޯޓަށް

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު އަދި ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ފާއިތުވި ޑިސެންބަރު 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ހައިކޯޓުން ގޮތެއް ނިންމުން ލަސްވާތީ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ހައިކޯޓަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވުމަށް ހުށަހެޅުއްވީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އަދި އެ ބޭފުޅުން އެ މައްސަލަ ހުށަހެޅުއްވުމަށްފަހު ވިދާޅުވެފައިވަނީ ހަލުއި ދުވެލީގައި އަވަހަށް މައްސަލަ ކުރިއަށް ގެންގޮސްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހައިކޯޓަށް މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު އެ މައްސަލަ ކޯޓަށް ބަލައިގަނެ ތާވަލުކޮށްފައިނުވާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރުން މިއަދު އެ ކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ލަސްވާ ކޮންމެ ދުވަހަކީވެސް އެކަމާމެދު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާ ދުވަހެއް ކަމަށެވެ.

އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަން ކޯޓަށް ވަޑައިގަތުމުން މިއަދު ހައިކޯޓުގެ ރަޖިސްޓަރާއާ ބައްދަލުވެވަޑައިނުގެންނެވި ކަމަށާއި، ނަމަވެސް ކަންބޮޑުވުން ހިއްސާކުރައްވަން ވަޑައިގެންނެވި ވާހަކަ ދަންނަވާފައި ކޯޓުން ނިކުމެވަޑައިގެންނެވީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިތުރަށް އަދުރޭ ވިދާޅުވީ އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކާމެދު ގޮތެެއް ނިންމަން 14 ދުވަހުގެ މުހުލަތެއް ލިބިފައި އޮތުމަކީ އެކަމުގައި 14 ދުވަސް ހޭދަކުރަންޖެހޭ ސަބަބެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ބައެއް މައްސަލަތަކަކީ އެ މައްސަލަތަކުގެ ހައްސާސްކަމަށް ބަލައި އެހެން މައްސަލަތަކަށްވުރެ އިސްކަންދީގެން ކުރިއަށްގެންދަންޖެހޭ މައްސަލަތަކެއްކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ ވެރިކަން 5 އަހަރު ކުރައްވާފައި ހުންނެވި އިދިކޮޅު އިއްތިހާދުގެ ލީޑަރުކަމާއި، މިވަގުތު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓުކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ މައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި، ރައްޔިތުންގެ މަސްލަހަތު އެކުލެވިގެންވާ މައްސަލައެއް ކަމަށެވެ.

އަދި ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ދިއުމަކީ އިންސާފު ނުލިބުންކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ ކުރިން ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމްވެސް ހައިކޯޓުގައި އަހަރެއްހައި ދުވަސް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އަދި ހައިކޯޓުން އެ ހުކުމް ދަމަހައްޓާފައިވަނިކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރިކަމަށާއި، ރައީސް ޔާމީނުގެ ހަޔާތްޕުޅުން ގެއްލުނު 2 އަހަރާއި އާއިލާއިން ތަހައްމަލުކުރި ވޭނާއި ހިތާމައަށް ބަދަލެއް ހޯދައިދެވޭނެ ގޮތެއް ނެތް ކަމަށެވެ.

މިއަދު ރަޖިސްޓަރާ އިދިކޮޅުގެ ލީޑަރުންނާ ބައްދަލުނުކުރެއްވި ނަމަވެސް މާދަމާވެސް ހައިކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނުގެ މައްސަލަ އަވަސްކުރުވުމަށް އިދިކޮޅުން ކުރާ މަސައްކަތް ހުއްޓަވައިނުލައްވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ