ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑުގައި އޮންނަ ހަމައެކަނި އަލިފާން ނިއްވުމަށް ހާއްސަ އުޅަނދު ހަލާކުވެފައި އޮންނަތާ 2 މަސް ވެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެކޯ-9 ނަމަކަށް ކިޔާ މި ލޯންޗަކީ އަލިފާން ނިއްވުމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އުޅަނދެކެވެ. މިގޮތުން ކަނޑުމަތީގެ އަލިފާނުގެ ހާދިސާތަކަށް ގޮސް ވަގުތުން އަލިފާން ނިއްވުމުގެ މަސައްކަތް މި އުޅަނދުން ކުރެވެއެވެ.
"ލޯންޗު ނައްޓާލާއިރު އޮންނާނީ ރެޑީގަ. ހަމަ ވަގުތުން ގޮސް ފެން ޖަހަން ފެށޭނެ. ހާއްސަ އާލާތްތަކެއް ހަރުކޮށްފައި ހުންނާނީ" އެ އުޅަނދާއި ގުޅޭގޮތުން މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ ލޯންޗުގެ ބައިތައް ހަލާކުވެ މަރާމާތު ނުކުރެވި އެ ލޯންޗު ނުދުއްވާތާ މިހާރު 2 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި އެކަން ނުކުރެވެނީ އެކަމަށް ބޭނުންވާ ފައިސާ ނެތިގެން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވާ ކަމަށް "ދިޔަރެސް" އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.
އަދި މިހާރު ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ ދާން ޖެހޭނީ އާންމުކޮށް ބޭނުންކުރާ އެމްއެންޑީއެފްގެ އުޅަނދަކުން ކަމަށާއި އެ އުޅަނދުތަކަކީ އަލިފާން ނިއްވުމަށް ހާއްސަ އުޅަނދުތަކަށް ނުވާތީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާންޖެހޭ އެންމެ އަވަސް މިނުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށްވެސް އެ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.
އެމްއެންޑީއެފްގެ އަލިފާން ނިއްވާ އުޅަނދު ހަލާކުވެފައިވާއިރު، އަބަދުވެސް އެމްޑީޕީ ވެރިކަންތަކުގައި ދައުލަތުގެ މުހިންމު ވަސީލަތްތައް މަރާމާތުނުކޮށް ހަލާކުވާން ދޫކޮށްލައެވެ. އަދި މަރާމާތަށް ބަޖެޓު ކުރެވިފައި ހުންނަ ފައިސާ އެހެން ކަންކަމަށް ބޭނުންކޮށް ހުސްކުރެއެވެ.