Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ލިވަޕޫލް 7 މެންޗެސްޓާ ޔުނައިޓެޑް 0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ލަދުވެތި ނަތީޖާއަކުން ބަލިކޮށްފި އެވެ.

ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑް ކޮޅަށް ހަތް ގޯލު ލިވަޕޫލުން ޖެހިއިރު މިއީ މިދިޔަ 92 އަހަރުތެރޭ ޔުނައިޓެޑް މެޗަކުން ބަލިވި އެންމެ ތަފާތު ބޮޑު ފަހަރެވެ. މީގެ ކުރިން ވެސް ޔުނައިޓެޑް އެންމެ ތަފާތު ބޮޑުކޮށް ބަލިވީ 7-0 އިންނެވެ. އެއީ 1926 ވަނަ އަހަރު ބްލެކްބާންއާ ވާދަކުރި މެޗާއި 1930 ވަނަ އަހަރު އެސްޓަން ވިލާއާ ވާދަކުރި މެޗުގެ އިތުރުން 1931 ވަނަ އަހަރު ވުލްވްސް އަތުން ބަލިވި މެޗެވެ.

މިރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖެހީ ކޯޑީ ގަކްޕޯ އެވެ. އޭގެކުރިން ޔުނައިޓެޑުން ވެސް ދިޔައީ ލިބޭ ފުރުސަތުގައި ލިވަޕޫލަށް ޕްރެޝަރު ކުރަމުންނެވެ. އެކަމަކު ލިވަޕޫލްގެ ގޯލާ އެކު މެޗުގެ ކޮންޓްރޯލް އެޓީމުން ހޯދި އެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ހަ ގޯލު ޖަހައިފަ އެވެ. މި ހާފުގައި އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ގަކްޕޯގެ އިތުރުން މުހައްމަދު ސަލާހް އާއި ޑާވިން ނޫނޭޒް އަދި ބެންޗުން ކުޅެން އެރި ރޮބާޓޯ ފިރްމީނޯ އެވެ. މެޗުގައި ގަކްޕޯ އާއި ސަލާހް އަދި ނޫނޭޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ.

މިރޭގެ ދެ ގޯލާ އެކު ޕްރިމިއާ ލީގުގެ ތާރީހުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިއަކަށް ސަލާހް ވަނީ ވެފަ އެވެ. 129 ޕްރިމިއާ ލީގު ގޯލާ އެކު ސަލާހް ރެކޯޑް ހެދިއިރު ކުރިން މި ރެކޯޑް އޮތީ ކުރީގެ ފޯވާޑް ރޮބީ ފައުލާ އަތުގަ އެވެ. އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް އެންމެ ގިނަ ގޯލު ޖެހި ލިވަޕޫލް ކުޅުންތެރިއަކީ ވެސް މިހާރު ސަލާހް އެވެ. ސަލާހް ޔުނައިޓެޑް ކޮޅަށް ވަނީ 11 ގޯލު ޖަހައިފަ އެވެ.

ބޮޑު މޮޅާ އެކު ލިވަޕޫލް މިހާރު ވަނީ ގަދަ ހަތަރެއްގެ ރޭހަށް ވަދެފަ އެވެ. އެޓީމަށް 25 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު އޮތީ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތީ ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 45 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ޔުނައިޓެޑް އޮތީ 49 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ.

މި ލިއުމާއި ގުޅޭ