Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާޟީ އަޙްމަދު ޝަކީލު

ރައީސް ޔާމީނަށް ހުކުމްކުރި ޤާޟީ ޝަކީލު ހައިކޯޓަށް އައްޔަންކުރަން ނިންމައިފި

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވި ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަޙްމަދު ޝަކީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ހައިކޯޓުގެ ކުރީގެ ފަނޑިޔާރުކަމަށްވާ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ކުރީގެ އިސްފަނޑިޔާރު ހާތިފު ހިލްމީ މަޤާމުން ރިޓަޔާކުރެއްވުމާ ގުޅިގެން ހައިކޯޓުން ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވިއެވެ. ފަނޑިޔާރުންގެ މަޤާމުތައް ހުސްވުމާ ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލުމަށް ވަކިވަކިން ޖޭއެސްސީން އިއުލާނުކުރިއެވެ.

ފާއިތުވި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގައި ޖޭއެސްސީން ކުރި އިއުލާނާ ގުޅިގެން ޤާޟީ ޝަކީލާއެކު އިތުރު ތިން ބޭފުޅުން އެ މަޤާމަށް ކުރިމަތިލައްވާފައިވެއެވެ. އެ ބޭފުޅުންގެ ތެރެއިން ހައިކޯޓުން ހުސްވެފައިވާ މަޤާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވަނީ ޤާޟީ ޝަކީލުކަން ޖޭއެސްސީގެ އިސްވެރިޔަކު "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވާފައިވެއެވެ.

ދެ ފަނޑިޔާރުންގެ މަޤާމު ހުސްވެގެން ވަކިވަކިން އިއުލާނުކުރުމުން ޤާޟީ ޝަކީލު ކުރިމަތިލެއްވި މަޤާމު ފިޔަވައި އަނެއް މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެކަށީގެންވާ މިންވަރަށް މާކުސް ނުލިބޭކަމަށްވެސް ޖޭއެސްސީން ނިންމާފައިވެއެވެ.

މިއީ ރައީސް ޔާމީނަށް ދަށު ކޯޓުގެ މަރުހަލާގައި ހުކުމްކުރި ޤާޟީއަކަށް މަތީ މަރުހަލާގެ ކޯޓެެއްގެ ފަނޑިޔާރުކަން ހަމަޖައްސަން ޖޭއެސްސީން ނިންމި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރައީސް ޔާމީނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ އެއިރުގެ އިސްޤާޟީ އަލީ ރަޝީދުވަނީ ޖޭއެސްސީން ހުށަހަޅައިގެން ސުޕްރީމް ކޯޓަށް ޕްރޮމޯޓުކޮށްފައެވެ.

ދަށު ކޯޓު މަރުހަލާގައި އަލީ ރަޝީދު އެ މައްސަލާގައި އިއްވި ހުކުމުގައި އެކަށީގެންވާ ހެކިތަކެއް ނެތްކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށްފައިވެއެވެ.

ފާއިތުވި ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު ޤާޟީ ޝަކީލު އިއްވެވި ހުކުމް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން މިހާރު ވަނީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި ލިއުމާއި ގުޅޭ