2017 ވަނަ އަހަރު ފްރާންސްގެ މޮނާކޯ އިން ޕީއެސްޖީ އަށް ބަދަލުވެ މިހާތަނަށް ކުޅުނު 247 މެޗުގައި އެމްބާޕޭ ވަނީ 201 ގޯލު ޖަހައިފަ އެވެ. ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ކުރިން އޮތީ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އަތުގަ އެވެ.
މިދިޔަ ޑިސެމްބަރު މަހު 24 އަހަރު ފުރުނު އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ބަދަލުވެ ފްރެންޗް ލީގު ހަތަރު ފަހަރު ހޯދާފަ އެވެ. އަދި މިދިޔަ ހަތަރު ސީޒަނުގައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ އޭނާ އަށެވެ.
މި ސީޒަނުގައި މިހާތަނަށް އެމްބާޕޭ ވަނީ 30 ގޯލު ޖަހައި އަށް ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
ކްލަބްގެ އިތުރުން ގައުމީ ޓީމުގައި ވެސް އެމްބާޕޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. 2018 ވަނަ އަހަރު ފްރާންސުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ތަށި ހޯދައި އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ. މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލުން ފްރާންސް ބަލިވި މެޗުގައި އެމްބާޕޭ ހެޓްރިކް ހެދި އެވެ. ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްބާޕޭ އެވެ.
ރޭ ޕީއެސްޖީގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖެހީ ލިއޮނެލް މެސީ އެވެ. އެޓީމުގެ ދެވަނަ ގޯލަކީ 17 ވަނަ މިނެޓުގައި ނޯންޓްސްގެ ޔައޫމް ހަޑްޖަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޑެނީލޯ ޕެރެއިރާ 60 ވަނަ މިނެޓުގައި ތިންވަނަ ގޯލު ޖެހިއިރު އެމްބާޕޭ ގޯލު ޖެހީ 92 ވަނަ މިނެޓުގަ އެވެ.
މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއްވަނައިގައި އޮތީ 63 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މާސޭ އަށް ލިބިފައިވަނީ 52 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ ރޭ ލިލްއާ 1-1 އިން އެއްވަރުކުރި ލެންސް އެވެ. އެޓީމަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.