ފާއިތުވި ފެބްރުއަރީ މަހު ތުރުކީއާއި ސޫރިޔާއަށް ނުރައްކާތެރި ބިންހެލުމުގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ދެ ޤައުމަށް ސަރުކާރުން ދޭން ނިންމި 1 މިލިއަން މަސްދަޅުގެ ތެރެއިން ތުރުކީއަށް ދޭ 5 ލައްކަ މަސްދަޅު އެ ޤައުމާ ހަވާލުކޮށްފިއެވެ.
ފާއިތުވި މަހުގައި ދެ ޤައުމަށް އައި ދެ ބިންހެލުމުގައި ލިބުނު ގެއްލުންތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން 1 މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމާފައިވާކަން ފެބްރުއަރީ މަހުގައި ރައީސް އޮފީހުން އިއުލާނުކުރިއެވެ.
ތުރުކީއާއި ސޫރިޔާގެ ތެރެއިން ކޮންމެ ޤައުމަކަށް 500،000 މަސްދަޅު ދިނުމަށް ނިންމާފައިވާއިރު އެއިން ތުރުކީއަށް ދޭން ނިންމި މަސްދަޅުތައް އެ ޤައުމާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފެވެ. ތުރުކީން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކޮންސިއުލޭޓުގެ ބޭފުޅުންނެވެ.
ތުރުކީގެ ޤައުމީ އެއާލައިން ޓާކިޝް އެއާލައިންގެ މަތިންދާބޯޓެއްގައި މަސްދަޅު ބަރާކޮށްގެން 5 ބެޗު ގެންދާއިރު އެތަކެތި ތުރުކީއަށް މާޗު 10 ވަނަ ދުވަހު ވާސިލުވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފެބްރުއަރީ މަހު އައި ބިންހެލުންތަކުގައި ތުރުކީން ބައި ލައްކައަށްވުރެ ގިނަ މީހުން މަރުވެ 10 ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތައް ލިބި އެތައް މިލިއަން މީހުންނެއް ގެދޮރުން މަހުރޫމުވެފައިވެއެވެ. އަދި ސޫރިޔާއިން 15،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.