އެއްގަމު އުޅަނދުފަހަރު މަގުމަތީގައި ޕާކްކުރާނެ ފުރިހަމަ، ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ނުދީ، ގާނޫނާއި ހިލާފަށް ޕާކް ކޮށްފައި ހުރުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްދޭން، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މާލޭގެ މަގުތައް ތޮއްޖެހިފައި އޮތުމުގެ މައި އެއް ސަބަބަކީ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ޕާކަށް ޖަހާނެ ޖާގައެއް ނެތިގެން އާންމުކޮށް ނުޖެހޭ ތަނެއްގައި ޕާކަށް ޖެހުމެވެ. ނަމަވެސް، އެފަދައިން ޕާކަށް ޖަހަން މަޖުބޫރުވަނީ މާލޭގައި ޕާކް ކުރެވޭނެ ފުރިހަމަ އިންތިޒާމެއް ނެތުމުންކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ހައްލަކީ އެފަދައިން ޕާކަށް ޖަހާފައިވާ އުޅަނދުތައް މަތިމަތިން ޖޫރިމަނާކުރުންނޫންކަމަށާއި، ހައްލަކީ ރައްޔިތުންނަށް ޕާކަށް ޖެހޭނެ ފުރިހަމަ އިންތިޒާމް ހަމަޖައްސައިދިނުންކަމަށް، މިއަހަރު ބޭއްވި ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ޑރ މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވިއެވެ.
ފުރިހަމަ ޕާކިންގްގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލުން ކޮށްފައިވާ، އަދި ކުރަމުން އަންނަ މަސައްކަތްތަކަށް އަލި އަޅުވާލާ ޑރ މުއިއްޒު ވިދާޅުވީ، ފަސޭހައިން ޕާކަށް ޖަހާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ 8 ޕާކިންގް އިމާރާތް ބިނާކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިންމާފައިވާކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން މިހާރު ހަމައެކަނި ބޭނުންވަނި ސަރުކާރުގެ ހުއްދަކަމަށް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕާކިންގް މައްސަލައިގެ ހައްލުގެ މަސައްކަތުގެ ވާހަކަފުޅުގެ އިތުރުން، މިހާތަނަށް ޖާގަ ނެތިގެން ގަވައިދާ ހިލާފަށް ޕާކަށް ޖަހާފައި ހުރެގެން ސަރުކާރުން ކޮށްފައިވާ ހުރިހާ ޖޫރުމަނާތައް މައާފްކޮށްދިނުމަށާއި، އަދި ސަރުކާރުގެ ގަރާޖު ސިޓީގެ ނިޒާމު ލަސްނުކޮށް އުވާލުމަށް ރައްޔިތުންގެ ބައްދަލުވުމުގައި ޑރ.މުއިއްޒު ސަރުކާރަށް ގޮވާލެއްވިއެވެ.