Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ފިރްމީނޯ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

މި ސީޒަން ނިމުމުން ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ފޯވާޑް ޖަރުމަނުގެ ހޮފެންހެއިމް އިން ލިވަޕޫލާ ގުޅުނީ 2015 ވަނަ އަހަރު 29 މިލިއަން ޕައުންޑަށެވެ.
ލިވަޕޫލަށް ބަދަލުވެ ފިރްމީނޯ އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓީމާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕްގެ އަދި ލީގު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލަށް 353 މެޗު މިހާތަނަށް ކުޅެފައިވާއިރު 107 ގޯލު ޖަހައި 70 ގޯލު ޖަހަން ފިރްމީނޯ ވަނީ އެހީތެރިވެދީފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާ ބޭނުންވީ ފިރްމީނޯ ކްލަބުގައި ބަހައްޓަން ކަމަށާއި، އެކަމަކު ކްލަބް ދޫކޮށްލަން ބޭނުންވީ ފިރްމީނޯ ކަމަށެވެ.

ލިވަޕޫލަށް އަލަށް ގެނައި ކުޅުންތެރިންނާއި އެކު ފިރްމީނޯ އަށް އެޓީމުގެ ފުރަތަމަ އެގާރައިން ކުރިން ލިބޭ ޖާގަ މިހާރު ނުލިބެ އެވެ. އަދި، އަނިޔާގެ ސަބަބުން ވެސް ފިރްމީނޯ އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. މުހައްމަދު ސަލާހްއާ އެކު ލިވަޕޫލް އެޓޭކުގައި މިހާރު ލީޑު ކުރަނީ ޑިއޯގޯ ޖޯޓާ އާއި ޑާވިން ނޫނޭޒްގެ އިތުރުން ކޯޑީ ގަކްޕޯ އެވެ. އަދި އަނިޔާއިން ރަނގަޅުވުމުން ލުއިސް ޑިއާޒް ވެސް ލިވަޕޫލް ޓީމުގެ އެޓޭކުގައި ބައިވެރިވާނެ އެވެ.

މި ސީޒަނުގައި ފިރްމީނޯ ވަނީ 26 މެޗު ކުޅެ ނުވަ ގޯލު ޖަހައިފަ އެވެ. ފިރްމީނޯ ލިވަޕޫލްގައި ގޯލް ރެކޯޑް އެންމެ ރަނގަޅީ 18-2017 ވަނަ ސީޒަނުގަ އެވެ. އެ ސީޒަނުގައި 27 ގޯލު އޭނާ ޖެހި އެވެ.

ފަހުގެ ތާރީހުގައި ލިވަޕޫލަށް އައި އެންމެ ކާމިޔާބު ދުވަސްތައް ގެނައުމުގައި ފިރްމީނޯއާ އެކު ކުރިއަށް ކުޅުނު ސަޑިއޯ މާނޭ އާއި ސަލާހްގެ ދައުރު ބޮޑެވެ. ތިން ކުޅުންތެރިން އެއްފެންވަރެއްގައި ކުޅުނުއިރު ގިނަ ގޯލުތަކެއް ޖެހި އެވެ. ފިރްމީނޯ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު މާނޭ ވަނީ މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ.

މި ލިއުމާއި ގުޅޭ