Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިލިޕީންސް

ސެންޓްރަލް ފިލިޕީންސްގައި ދިން ނުރައްކާތެރި ހަމަލާއެއްގައި ރަށެއްގެ ގަވަނާ މަރާލައިފި

ފިލިޕީންސްގައި ސިޔާސީ ވެރިންނާއި ދެކޮޅަށް ދެމުން އަންނަ ސިލްސިލާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާގައި، ނެގްރޮސް އޮރިއެންޓަލްގެ ގަވަނާ ރޮއެލް ޑެގާމޯއާއި، އިތުރު ބަޔަކު ބަޑި ޖަހާ މަރާލައިފިއެވެ.

ހަމަލާވެރިން އައި ވަގުތުގައި ޑެގާމޯ ހުންނެވީ އެކި ދާއިރާތަކުގެ މީހުންނަށް އެހީ ބައްސަވަންކަމަށް، ފުލުސް އޮފިސަރު ކިމް ލޯޕޭޒް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ލޯޕޭޒް ވިދާޅުވިއެވެ.

ފިލިޕީންސްގެ ރައީސް ފެރްޑިނޭންޑް މާކޯސް، ޑެގާމޯއަށް ހަމަލާ ދީ އަވަހާރަކޮށްލި މީހުންނަށް ވީހާވެސް އަވަހަށް ހައްގު އަދަބު ދިނުމަށް ވައުދުވެވަޑައިގެން، މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. މަރުވި ޑެމާގޯއަކީ ރައީސް މާކޯސްގެ އަރިސް، އެކުވެރި ސިޔާސީ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ފިލިޕީންސްގައި ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ދެމުން އަންނަ ސިލްސިލާ ހަމަލާތަކުގެ ތެރެއިން މީގެ ކުރިންވެސް ވަކިވަކި ހަމަލާގައި ގިނަ ބަޔަކު މަރާލާފައިވެއެވެ. އެގޮތުން، ދެކުނު ޕްރޮވިންސެއްގެ ގަވަނާ ލަނާއީ ޑިލް ސޯރއާއި، އެ ބޭފުޅާއާއި އެކީގައި އެއިރު ހުރި 3 ފުލުސް ހަށިފާރަވެރިން ހަމަލާއެއްގައި މަރާލިއެވެ.

ހަމަ އެ މަހު، އުތުރު އަޕާރީ ޓައުންގެ ނައިބު މޭޔަރު ހިމެނޭހެން 6 މީހަކު، ހައިވޭއަކުން ދަތުރުކުރަނިކޮށް ގަދަބާރުން ހުށްޓުވާ، ބަޑިޖަހާ މަރާލިއެވެ.

ނުރައްކާތެރިކަމުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ، އަދިއަދަށްދާންދެން ފިލިޕީންސްގައި ރިކޯޑް ކުރެވިފައިވާ އެންމެ ގިނަ މީހުން މަރާލި ސިޔާސީ ހަމަލާގައި 58 މީހުން މަރާލިއެވެ. މަގުއިންޑަނާއޯ ޕްރޮވިންސްގެ ގަވަނާ ހޮވުމުގެ އިންތިހާބު އޮތް ދުވަހުގައި ދިން ހަމަލާގައި އެއިރު ގަވަނާކަމަށް އިދިކޮޅުން ކުރިމަތިލި ސިޔާސީ ބޭފުޅާއާއި، އެ ބޭފުޅާގެ އަނބިކަނބަލުންނާއި، 32 ނޫސްވެރިންނާއި އަދި ގިނަ މީޑިއާ ފަރާތްތަކެއް މަރާލިއެވެ. މި ހަމާލާ އިންތިޒާމްކޮށް، ހަމަލާ ދިނުމުގެ ދައުވާގައި ދެކުނުގެ ނުފޫޒްގަދަ ކްލޭންއެއްގެ އިސް މީހާއާއި އޭނާގެ ސަޕޯޓަރުން ތަކެއް ހައްޔަރުކޮށް، 58 މީހުން މަރާލިކަމުގެ ކުށް ސާބިތުވުމުން، އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ އެންމެންނަށް އިއްވާ ޖަލަށްލާފައިވެއެވެ.

މި ލިއުމާއި ގުޅޭ