Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިއާނެޓް

ވިމެންސް އައިޕީއެލްގައި ފުރަތަމަ މެޗް މީޑިއާނެޓުގެ އައިސް ސްޕޯޓްސް އިން މިރޭ ލައިވްކުރަނީ!

ވިމެންސް އިންޑިއަން ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗް ލައިވްކުރަން މީޑިއާ ނެޓުން ތައްޔާރުވެއްޖެއެވެ.

2008 ވަނަ އަހަރު ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)އިން އިސްނަގައިގެން އިފްތިތާޙްކުރި އިންޑިއަން ޕްރިމިއަރ ލީގަކީ ކްރިކެޓްގެ ދުނިޔޭގައި ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތްކަމީ ޝައްކެއްނެތް ކަމެކެވެ. މިހާތަނަށް މި މުބާރާތް 15 އަހަރު ބޭއްވުނުއިރު، 2023 ވަނަ އަހަރަކީ މި މުބާރާތް އައު ހަރުފަތަކަށް ގެންދިއުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ނިންމާފައިވާ އަހަރެކެވެ. އެގޮތުން ފުރަތަމަ ފަހަރަށް މި އަހަރު އަންހެނުންގެ އައިޕީއެލް މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

04 މާރޗް އިން 26 މާރޗްއަށް ކުޅެވޭ ވިމެންސް އައިޕީއެލްގައި 05 ޓީމެއް ވާދަކުރާނެއެވެ. އެއީ ފިރިހެނުންގެ އައިޕީއެލްގައި ވާދަކުރާ ފްރެންޗައިޒް ޓީމުތަށް ކަމަށްވާ ގުޖުރާތު ޖަޔަންޓްސް، މުމްބާއީ އިންޑިއަންސް، ރޯޔަލް ޗެލެންޖަރސް ބެންގަލޯރ، ޑެލީ ކެޕިޓަލްސްގެ އިތުރުން ހަމައެކަނި އަންހެން ބައިގައި ވާދަކުރާ ޔޫޕީ ވޮރިއާރޒް ޓީމެވެ.

މި މުބާރާތަށް ޓީމުތައް އެކުލަވާލުމުގެ ގޮތުން ބޭއްވުނު އޯކްޝަން، ފެބްރުއަރީ 13 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ދުނިޔޭގައި ނަން މަޝްހޫރު އަންހެން ކްރިކެޓް ކުޅުންތެރިން ބޮޑު އަގުގައި އެކި ޓީމުތަކަށް ވަނީ ގެންގޮއްސައެވެ. އޭގެ ތެރޭގައި އިންޑިޔާގެ ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވާ 5 ޓީމު އަދި އެ ޓީމުތަކުގެ ކުޅުންތެރިން:

1. ގުޖުރާތު ޖަޔަންޓްސް

ފާއިތުވި 2022 ވަނަ އަހަރުގެ ފިރިހެން އައި.ޕީ.އެލް ޗެމްޕިއަންކަން ހޯދި ގުޖުރާތް ޓައިޓަންސް ގެ އަންހެން ޓީމް ގުޖުރާތު ޖަޔަންޓްސް އިން ވަނީ މި މުބާރާތަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އެގޮތުން އޮސްޓްރޭލިއާގެ ހުނަރުވެރި އޯލްރައުންޑަރ އޭޝްލީ ގާޑްނަރ 3.20 ކްރޯރް ރުޕީޒްއަށް އެޓީމަށް ގެނެއްސައެވެ. އޭޝްލީ އަކީ އޯކްޝަންގައި ދެވަނައަށް އެންމެ އަގުބޮޑުކޮށް ޓީމަކުން ގަން ކުޅުންތެރިޔާއެވެ. މީގެ އިތުރުން ދުނިޔޭގެ ޓީ20 ރޭންކިންގް 2ވަނަ ކުޅުންތެރިޔާ އޮސްޓްރޭލިއާގެ ބެތް މޫނީވެސް މި މުބާރާތުގައި ފެނިގެންދާނީ މި ޓީމުންނެވެ.

2. މުމްބާއީ އިންޑިއަންސް

އައިޕީއެލް ގެ ތަށި 5 ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު ޓީމު މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ މުއްސަނދި އާއިލާ ކަމުގައުވާ އަމްބާނީސްގެ ޕްރެންޗައިޒްއެކެވެ. 3.20 ކްރޯރް ރުޕީޒްއަށް އުމުރުން 30 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ ނެޓެލީ ސްކިވާރ ވަނީ މުމްބާއީ އިންޑިއަންސް ޓީމާއި ގުޅިފައެވެ. ނަމަވެސް މި ޓީމުގައި އެންމެ ފާހަގަކޮށްލެވެނީ މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން ހަރްމަންޕްރީތް ކޯރްއެވެ. ޓީ20 ފޯމެޓުގައި 2،956 ލަނޑު އިންޑިއާ ޓީމަށް ހަދާފައިވާ ކޯރްގެ ލީޑަރޝިޕަކީ ޓީމަށް އެންމެ މުހިއްމު އެއްކަންތައް ކަމުގައި ޓީމުގެ އޯނަރުން އޯކްޝަންއަށް ފަހު ބުނެފައިވެއެވެ.

3. ރޯޔަލް ޗެލެންޖަރޒް ބެންގަލޯރ

އިންޑިއާގެ އެންމެ ހުނަރުވެރި އަންހެން ކްރިކެޓް ކުޅުންތެރިޔާއަކީ ސްމްރިތީ މަންދަނާކަމާއި މެދު ދެބަސްވާނެ ބަޔަކު ވަރަށް މަދުވާނެއެވެ. ސްމްރިތީއަކީ މި މުބާރާތުގައި ކުޅޭނެ އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އާރް.ސީ.ބީ އިން ސްމްރިތީގެ ސޮއި ހޯދާފައިވަނީ 3.40 ކްރޯރް ރުޕީޒްއަށެވެ. މި ޓީމަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކްރިކެޓް ތަރިންގެ މައްޗަށް އެކުލެވިގެންވާ ޓީމެކެވެ. އޭގެ ތެރޭގައި ސައުތު އެފްރިކާގެ ޑޭން ވެން ނިއެކޭކް، އިނގިރޭސި ކުޅުންތެރިޔާ ހެދާރ ނައިޓް އަދި އިންޑިއާގެ ރިޗާ ގޯޝް ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ބުނާގޮތުގައި މި މުބާރާތުގެ އެންމެ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައިވަނީ މި ޓީމުންނެވެ.

4. ޑެލީ ކެޕިޓަލްސް

އިންޑިއާގެ ވެރިރަށް ދިއްލީއަށް ނިސްބަތްވާ ޑެލީ ކެޕިޓަލްސް ޓީމުންވަނީ އިންޑިއާގެ ޒުވާން ގިނަ ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި ޖެމީމާ ރޮޑްރިގޭޒް، ޝެފާލީ ވަރްމާ އަދި ޝިކާ ޕާންޑޭ ފާހަގަކޮށްލެވެއެވެ. މި ޓީމަށް ގެނެސްފައިވާ އިންޓަނޭޝަނަލް ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސައުތު އެފްރިކާގެ އޯލް ރައުންޑަރ މަރިޒާން ކެޕް އަދި އޮސްޓްރޭލިއާގެ މެގް ލެނިންގްއެވެ. މެގް ލެނިންގް އަކީ މިވަގުތު އޮސްޓްރޭލިއާ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަންކަން ފާހަގަކޮށްލެވެއެވެ.

5. ޔޫ ޕީ ވޮރިއާރޒް

އައިޕީއެލްއަށް މުޅިން އައު ނަމެއް ނަމަވެސް މި ޓީމަކީ ތަފާތު މޮޅު ކުޅުންތެރިންގެ މައްޗައް ބިނާވެފައިވާ ޓީމެއްކަމަށާއި ޔޫ ޕީ ވޮރިއާރޒް އިން މުބާރާތުގެ ތައްޓަށް ވަރުގަދަ ޗެލެންޖެއްދޭނެ ކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. ދުނިޔޭގެ ޓީ20 ރޭންކިންގް 1ވަނަ ކުޅުންތެރިޔާ ޓާލިއާ މެކްގްރާ ފެނިގެންދާނީ މި ޓީމުންނެވެ. މީގެއިތުރުން އިންޑީއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައިވާ އޯލް ރައުންޑަރ ދީޕްތީ ޝަރްމާވެސް މިޓީމުގައި އިސް ރޯލެއް އަދާކުރާނެއެވެ. ދީޕްތީގެ ސޮއި މިޓީމުން ހޯދާފައިވަނީ 2.6 ކްރޯރް ރުޕީޒްއަށެވެ.

މިރޭ ފެށޭ އެ މުބާރާތަށް ޓީމުތަކުން ވަނީ ފޯރިއާއި ޖޯޝުގައި ތައްޔާރީތަށްވެފައެވެ. މުމްބާއީގެ ދެ ސްޓޭޑިއަމްކަމަށްވާ ޑީ ވައި ޕަޓޭލް ސްޓޭޑިއަމް އަދި ބްރަބޯން ސްޓޭޑިއަމްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތް ފަށާ މެޗުގައި މިރޭ ބައްދަލުކުރާނީ ގުޖުރާތު ޖަޔަންޓްސް އަދި މުމްބާއީ އިންޑިއަންސްއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް މީޑިއާނެޓުގެ އައިސް ނެޓްވޯކް މެދުވެރިކޮށް ފޯނު އަދި ޓީވީން ލައިވްކޮށް ބަލާލެވޭނެއެވެ.
މި ލިއުމާއި ގުޅޭ