ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސައުދީ އަރަބިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދެއްކެވި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ފައިސާ ހޯއްދަވަން ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ޚަލީޖުގެ ބައެއް ޤައުމުތަކަށް ކުރައްވާ ޒިޔާރަތެއްގައި އަމީރު ސައުދީއަށް ވަޑައިގެން އެ ޤައުމުގެ މާލީ ދާއިރާގެ ބައެއް ވެރިންނާ ބައްދަލުކުރައްވަމުންދާއިރު، އޭނާގެ އަރިހުގައި މި ދަތުރުފުޅުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީއަށް ފާޑުވިދާޅުވެ މުސްލިމުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަން ކުރިމަތިވަނީ މުސްލިމު ޤައުމުތަކުގެ ވެރިންގެ ސަބަބުންކަމަށާއި، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރީ ސައުދީގެ ރުހުން އޮވެގެންކަމަށް އަމީރު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ޑޮނާލްޑް ޓުރަމްޕުގެ ވެރިކަމުގައި ޤުދުސަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ސައުދީން ނުރުހުން ފާޅުކޮށްފައިވެއެވެ.
އޭގެ އިތުރަށް ސައުދީ ސަރުކާރަކީ އިންސާނުންތަކެއްތޯ ޝައިތޯނުންތަކެއްތޯ ސުވާލުކުރައްވައި، އިސްރާއީލުގެ ކަނާތުފިޔައިގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިންތިޚާބަށް ޚަރަދުކުރީ ސައުދީ ސަރުކާރުންކަމަށްވެސް އަމީރު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާން ކިންގް ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އާލު ސުއޫދު އަވަހާރަވުމުން ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރުމުން އެކަމަށްވެސް އަމީރުވަނީ ފާޑުވިދާޅުވެފައެވެ. އެކުވެރި ޤައުމުތަކުގެ ވެރިން އަވަހާރަވުމުން އާންމުކޮށް ރާއްޖޭގެ ދިދަ ބައިދަނޑިއަަށް ތިރިކުރެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވުމުންވެސް ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރިއެވެ.
އަމީރުގެ އިތުރުން އެމްޑީޕީން ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގައި ސައުދީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން ސައުދީއަކީ ޓެރަރިޒަމަށް ހިތްވަރުދީ އެކަމަށް ޚަރަދުކުރާ ދައުލަތެއްކަމަށް ސިފަކޮށް ވާހަކަދައްކަވާފައިވެއެވެ.
އަމީރުގެ ދަތުރުފުޅުގައި އޭނާ އަރިހުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގަންނަވާއިރު މި ދަތުރުފުޅުގައި އަލީ ޒާހިރު މަސައްކަތްކުރައްވަނީ ސައުދީން ރައީސް އިބްރާހީމުގެ ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯދުމަށްކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ލިބިފައިވެއެވެ.
މި ވެރިކަމުގައި ސައުދީއާ އޮތް ގުޅުން ހީނަރުވުމުގެ ސަބަބުން ކުރިން އެ ޤައުމުން ރާއްޖެއަށް ބޮޑެތި އެހީތައް ލިބުނު ނަމަވެސް މި ފަސް އަހަރުގައި މާ ބޮޑު އެހީއެއް ލިބިފައިނުވެއެވެ. ސައުދީން ލިބިފައިވާ ލޯނުތަކަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެއްބަސްވުންތަކަށް ވާސިލުވެވި ސޮއިކުރެވިފައި ހުރި ލޯނުތައްކަން ފާހަގަކުރެވެއެވެ.
އަމީރުގެ ދަތުރުފުޅުގައި މިހާތަނަށް ސައުދީ ފަންޑުގެ ވެރިންނާ ބައްދަލުކުރައްވައި އެ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.