ދިވެހިރާއްޖޭގެ 250 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިތުރުފުޅު ހައްދަވައިފިއެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ އެކި ފެންވަރުގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިނގަމުން އަންނަކަމަށެވެ. މިގޮތުން ތިލަމާލެ ބްރިޖު، ހަނިމާދޫ އެއާޕޯޓު، އަދި އައްޑޫ އެއާޕޯޓަކީ މީގެ މިސާލުކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން 250 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރެވެމުން ދާކަމަށް ވިދާޅުވިއެވެ.
ޝާހިދު މިހެން ވިދާޅުވި ނަމަވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައެވެ. އަދި އެ 187 ރަށުގެ ތެރެއިންވެސް ގިނަ ރަށްތަކުގައި ނަރުދަމާގެ ނިޒާމު މި ސަރުކާރު އައިއިރުވެސް އޮތީ ޤާއިމް ކުރެވިފައެވެ.
މީގެ ކުރިން ރައީސް އިބްރާހީމްވެސް ވަނީ ރާއްޖޭގެ 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު ރާއްޖޭގެ އެންމެ ރަށެއް ފިޔަވާ އެއްވެސް ރަށެއްގައި މި ސަރުކާރަށް އަދި ގެދޮރުވެރި ކަމުގެ އެއްވެސް މަޝްރޫއެއް ނުނިންމެއެވެ.
މި ސަރުކާރުގެ އިސްވެރިން މިފަދަ ހަގީގަތާއި ހިލާފު މައުލޫމާތު އާންމު ކުރުމަކީ ވަރަށް ގިނައިން ކުރައްވާކަމެކެވެ.