ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކ.ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށްގައި، އެމްއެންޕީގެ ފަރާތުން ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފަ އެވެ.
އެމްއެންޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ޕާޓީގެ ފަރާތުން ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުން އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފަ އެވެ.
އެއް މެންބަރަކަށްވުރެ ގިނަ މެންބަރުން ކުރިމަތިލައި، ޕްރައިމަރީއަކަށް ދާންޖެހޭ ހާލަތުގައި، ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްއެންޕީގެ އިތުރުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ބައި އިލެކްޝަންގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، އިއްޔެއަށް ސުންގަޑި ހަމަވި އިރު ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައިފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނަނީ މި މަހު 11 ވަނަ ދުވަހު އެވެ.
އިދިކޮޅު ޕީޕީއެމަށް ތާއީދު ބޮޑު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ ބާއްވަން އަދި އެ ޕާޓީން އިއުލާނުކޮށްފައިނުވެ އެވެ.