Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

އަސަދުﷲ މާޒިޔާ ދޫކޮށްލައިފި، ކުޅޭނެ ކްލަބެއް ނުނިންމާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކާމިޔާބު ކެޕްޓަން އަސަދުﷲ އަބްދުﷲ 11 އަހަރަށް ފަހު އެ ކްލަބް ދޫކޮށްލައިފި އެވ

އާ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާ އިން ވަނީ އެޓީމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސް މީޑިއާގައި އެކަން ހާމަކޮށްފަ އެވެ. އަދި ކުރިން އެޓީމުގައި ތިބި ބައެއް ކުޅުންތެރިން މިހާރު އެހެން ބައެއް ކްލަބްތަކަށް ވަނީ ބަދަލުވެފަ އެވެ. އެކަމަކު އަސަދުﷲ އެ ކްލަބް ދޫކޮށްލިކަން މާޒިޔާ އިން ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ.

މާޒިޔާ އިން މިހާރު އަންނަނީ ސައުދީ އަރަބިއާގައި ޕްރީ ސީޒަން ކޭމްޕެއް ފުރިހަމަކުރަމުންނެވެ. އެ ކޭމްޕްގައި އަސަދުﷲ ބައިވެރިނުވާއިރު މާޒިޔާގެ ޕްރެކްޓިހުގައި ވެސް އަސަދުﷲ ބައިވެރިނުވެ އެވެ.

"އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން އަސަދުﷲ ބުނީ އޭނާ މާޒިޔާ ދޫކޮށްލައިފިން ކަމަށާއި އާ ސީޒަނުގައި ކުޅޭނެ ކްލަބެއް އަދި ނުނިންމާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އަސަދުﷲ ހޯދަން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ.

2009 ވަނަ އަހަރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިން ފުރަތަމަ ޑިވިޝަނުގައި ފާހަގަވި އަސަދުﷲ އޭގެފަހުން ބަދަލުވީ ކްލަބް ވެލެންސިއާ އަށެވެ. މާޒިޔާއާ އަސަދުﷲ ގުޅުނީ 2012 ވަނަ އަހަރު އެވެ. އެ ކްލަބާ ގުޅުމަށް ފަހު ކެޕްޓަންކަން ގިނަ އަހަރުތަކެއް ވަންދެން ކޮށް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

އަސަދުﷲ މާޒިޔާގައި ހޯދި ކާމިޔާބީގެ ތެރޭގައި ލީގު ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުން ހިމެނެ އެވެ. އަދި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އެފްއޭ ޗެރިޓީ ޝީލްގެ އަދި މާލޭ ލީގުގެ ޗެމްޕިއަންކަން އަސަދުﷲ އެ ކްލަބުގައި ހޯދި އެވެ.

ފުޓްބޯޅައިގެ މަޝްހޫރު އދ. މަހިބަދޫ އަށް އުފަން އަސަދުﷲ ވަނީ މާޒިޔާގައި ކުޅުނު ދުވަސްވަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފަ އެވެ. އަދި، ގައުމީ ޓީމް 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައި އަސަދުﷲ ހިމެނުނެވެ.

މިދިޔަ އަހަރުތަކުގައި އަނިޔާގެ ސަބަބުން އަސަދުﷲ އަށް ކުރީގެ ފޯމް ދެއްކޭ ގޮތެއްނުވި އެވެ. އަސަދުﷲ މާޒިޔާ ދޫކޮށްލިއިރު އޭނާ ހޯދުމުގެ ރޭހުގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކްލަބްތައް ވެސް އުޅޭނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް އިއުލާންކޮށްފައި ނުވިނަމަވެސް ބައެއް ކްލަބްތަކުން މިހާރު ވަނީ ޕްރީ ސީޒަން ތަމްރީނުތައް ފަށައިފަ އެވެ.

މި ލިއުމާއި ގުޅޭ