ރޮނާލްޑީނިއޯ އަކީ އޭނާ ކުޅުނު ދުވަސްވަރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. 2002 ވަނަ އަހަރު ބްރެޒިލާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށް ބާސެލޯނާ އަށް ބަދަލުވެ ފަސް ސީޒަނުގައި ރޮނާލްޑީނިއޯ ޖާދޫ ދެއްކި އެވެ. ބާސެލޯނާގައި އެއްފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން ދެ ލީގު ތަށި ކާމިޔާބުކުރި އެވެ.
އުމުރުން މިހާރު 42 އަހަރުގެ ރޮނާލްޑޯ ފުޓްބޯޅައިން ރިޓަޔާ ކުރީ 2015 ވަނަ އަހަރު އެވެ. ރޮނާލްޑީނިއޯ މިހާރު މަސައްކަތް ކުރަމުން އަންނަނީ ބާސެލޯނާގެ އެމްބަސަޑަރެއްގެ ގޮތުގަ އެވެ. ރޮނާލްޑީނިއޯ 2005 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފަ އެވެ.
ރޮނާލްޑީނިއޯގެ ދަރިފުޅު މެންޑޭސްގެ އުމުރުން މިހާރު 19 އަހަރެވެ. މެންޑޭސް އެންމެ ފުރަތަމަ ކުޅޭނީ ބާސެލޯނާގެ ލަ މާސިއާ އެކެޑަމީގެ 19 އަހަރުން ދަށުގެ ޓީމަށެވެ. ބާސެލޯނާގެ ޒުވާން ޓީމާ މެންޑޭސް ގުޅުނީ ބްރެޒިލްގެ ދެވަނަ ޑިވިޝަނުގެ ކްރުޒެއިރޯ ދޫކޮށްލުމަށް ފަހު އެވެ.
މެންޑޭސް ބާސެލޯނާގެ ޔޫތު ޓީމުގައި ތަފާތު ދައްކައިފި ނަމަ ސީނިއާ ޓީމުން ފުރުސަތު ލިބޭނެ އެވެ. ބާސެލޯނާގެ ލަ މާސިއާ އެކެޑަމީ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އުފައްދާފައިވާ ތަނެކެވެ. އޭގެތެރޭގައި ލިއޮނެލް މެސީ އާއި ޖެރާޑް ޕީކޭ އާއި މިހާރު އެޓީމުގެ ކޯޗު ޒަވީ ހިމެނެ އެވެ.