ރެއާލް ދަނޑުގައި ހޯދި މުހިއްމު މޮޅާ އެކު މުބާރާތުގެ ފައިނަލަށް ދިއުމުގެ އެޑްވާންޓޭޖް ބާސެލޯނާ އަށް ވަނީ ލިބިފަ އެވެ. އަންނަ މަހުގެ ކުރީކޮޅު އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗު އެއްވަރުކޮށްލައިގެން ވެސް ބާސެލޯނާ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
މެޗަށް ނުކުތްއިރު ބާސެލޯނާ އޮތީ ފޯމު ދަށްކޮށެވެ. ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ ކެޓުމާއި، އެއަށްފަހު ސްޕެނިޝް ލީގުގައި އަލްމޭރިއާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. ރެއާލް ރޭގެ މެޗަށް ނުކުތްއިރު ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ދަނޑުގައި އެޓީމު 5-2 އިން ބަލިކުރި އެވެ. އަދި ލީގުގައި ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ އެއްވަރުވި އެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރެއާލުންނެވެ. އެކަމަކު މެޗުގެ 26 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ލިބުނީ ޑިފެންޑަރު ރެއާލްގެ އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ގޯލު ޖެހުމަށް ފަހު ބާސެލޯނާ އިން ވަނީ ވަރުގަދަ އަށް ޑިފެންސްކޮށް ރެއާލްގެ ހަމަލާތައް ހުއްޓުވައިފަ އެވެ. ބާސެލޯނާގެ ޑިފެންސްގައި ހިމެނީ މީގެ ކުރިން ކޯޗު ޒަވީ ކުޅުންތެރިންނަށް ފުރުސަތު ނުދޭ ގޮތަކަށެވެ. އެކަމަކު ޑިފެންސަށް ގެނައި ބަދަލުތަކާ އެކު ބާސެލޯނާ އިން ރެއާލް ހުއްޓުވުމުގައި ކާމިޔާބީ ހޯދި އެވެ.
މެޗުގައި ރެއާލްގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ދެވަނަ ހާފުގައި ފެޑެރިކޯ ވަލްވާޑޭ އެވެ. އެކަމަކު އެ ބޯޅަ ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓޭގަން ވަނީ މަތަކޮށްފަ އެވެ.
ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދީ ބާސެލޯނާ އެވެ. އެޓީމު 31 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު ދެވަނައިގައި އޮތީ 23 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެތުލެޓިކް ބިލްބާއޯ އެވެ. ސެމީގެ ފުރަތަމަ ލެގްގެ ފުރަތަމަ މެޗުގައި ބިލްބާއޯ ވަނީ ރަށުން ބޭރުގައި 0-1 އިން އޮސަސޫނާ އަތުން ބަލިވެފަ އެވެ.
ސެމީގެ ދެވަނަ ލެގްގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގަ އެވެ.