މުޅި ރާއްޖޭގެ ޖީޑިޕީ، ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ރާއްޖޭގެ މުޅި އިގްތިސާދު އޭގެ މައްޗަށް ބިނާވެފައިވާ އެންމެ ބޮޑު، އެންމެ މުހިންމު އެއް ދާއިރާ އެވެ. ފަތުރުވެރިކަމުގެ ލީޑިން ޑެސްޓިނޭޝަނަކަށްވެ، ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ދިވެހިންގެ ސަގާފަތާއި މެހެމާންދާރީ ތަހުރިބާ ކޮށްލުމަށެވެ.
ފަތުރުވެރިކަމުން ދައުލަތަށާއި ވަކި ވަކި ފަރުދުންނަށް ލިބޭ އުޖޫރައަކީ ދައުލަތާއި ގޭބީސީތައްވެސް އޭގެ މައްޗަށް ބިނާވާ އާމްދަނީ އެވެ. އެކަމަކު ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ބިދޭސީން ގިނަވެ، ދިވެހިންނަށްވުރެ އެމީހުންގެ ބާރާއި ނުފޫޒު ގަދަވެއްޖެ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ވަޒީފަތަކުން ފެށިގެންގޮސް ގާނޫނަށްވެސް ބެލުމެއްނެތި، އަތްގަދަކުރަން ފަށައިފި އެވެ.
ވަޒީފާތައް ބިދޭސީންނަށް
ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާތައް ދޭސީންނާއި ބިދޭސީންނަށް ބެހިގެންދާއިރު، އެ ވަޒީފާގެ ރޭޝިއޯއަކީ 45:55 އެވެ. އެކަމަކު ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ބުނާ ގޮތުގައި ބިދޭސީ މަސައްކަތްރެރިން ވަނީ 55 ޕަސެންޓަށްވުރެ މާބޮޑަށްވެސް އިތުރުވެފަ އެވެ.
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވި ގޮތުގައި ސްޓާފް ރޭޝިއޯއަކީ އެއްވެސް ގާނޫނީ ބަރުދަނެއް އޮތް އެއްޗެއް ނޫންކަމުން، ބިދޭސީން މަސައްކަތްތެރިން މާ ގިނަވިޔަސް ކުރެވޭނެ ކަމެއް ނޯވެ އެވެ. އަދި ގިނަ ރިސޯޓުތަކުން އެއަށް އަމަލެއްވެސް ނުކުރެ އެވެ.
"ގާނޫނީ ބުރަދަނެއް ނޯންނަ ރޭޝިއޯއެއް ކަނޑައަޅާފަ އޮންނަ. ހަމައެކަނި ސާކިއުލާއެއް އޮންނަނީ މިނިސްޓްރީން ކަނޑައަޅާފަ. އެހެންވީމަ އެއަށް އަމަލު ނުކުރިޔަސް ގާނޫނީ ބުރަދަނެއް ނެތީމަ އެކަމާ ކުރެވޭނެ އެއްވެސް ކަމެއް، އެޅޭނެ ފިޔަވަޅެއް ނޯވޭ. އެހެންވީމަ އަސްލު އުސޫލެއްގެ ގޮތުން އެއަށް އަމަލެއް ނުކުރެވޭ،" މައުރޫފް ވިދާޅުވި އެވެ.
ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް----
ރިސޯޓުތަކުން އެ ރޭޝިއޯއަށް އަމަލު ނުކުރާއިރު، މިނިސްޓްރީން އެކަން މޮނިޓާ ވެސް ނުކުރެ އެވެ. އެހެންކަމުން ވަކި ވަރެއްގައި ބިދޭސީ މަސައްކަތްތެރިން ހިފަހައްޓަން ކަނޑައަޅާފައި އޮންނަ ރޭޝިއޯއަކީ ނަމަކަށް އޮންނަ އެއްޗަކަށް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ބިދޭސީ މަސައްކަތްރިން ގިނަވަނީ އެ ދާއިރާގައި އުފެދޭ ވަޒީފާތަކާ އެއްވަރަށް ދިވެހި ސްޓާފުން ނުލިބޭތީ އެވެ. ސްޓާފް ރޭޝިއޯ ހިފެހެއްޓޭތޯ މަސައްކަތްކުރި ނަމަވެސް، އެއީ މުސްތަގުބަލުގައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
ބާރު ބިދޭސީން އަތުގަ، ގާނޫނަކަށް ނުބަލާ
ރިސޯޓެއްގެ ހުރިހާ ވަޒީފާއަކީ ދިވެހިންނަށް އަދާކުރެވިދާނެ ވަޒީފާއެއް ނޫނެވެ. މިސާލަކަށް ބާމަނުން، ކަހަލަ ވަޒީފާތަކަށް ބިދޭސީން ތިއްބަސް މައްސަލައެއް ނެތެވެ. އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހިން ލިބޭ، ރިސެޕްޝަނިސްޓުން، ހޯސްޓެސްޓުންނާއި ބަޓްލަރުން ފަދަ ވަޒީފާތަކަށްވެސް ބޭރު މީހުން ހޯދަން ސީދާ އިއުލާންކޮށްފައި ހުރުމެވެ.
އެކަން އެހެން ވަނީ އެޗްއާރު މެނޭޖަރުން ފަދަ ވަޒީފާތަކުގައި ތިބެންޖެހޭނީ ދިވެހިން ކަމަށް ގާނޫނުގައި އޮތަސް، ބައެއް ރިސޯޓުތަކުގެ އަދިވެސް އެ މަގާމުގައި ބިދޭސީން ތިބުމުންނެވެ. ރިސޯޓު ފޮޓޯގްރަފީ ފަދަ ވަޒީފާތަކަށް ބޭރު މީހުން ނުގެނެވޭ ކަމަށް ގާނޫނުގައި އޮތަސް އެއަކަށްވެސް ނުބަލަ އެވެ.
"އެޗްއާރުތަކުގެ ވަޒީފާ ބިދޭސީންގެ އަތްމަތީ އޮންނާތީ އެފަރާތްތަކުން އާންމު ގޮތެއްގައި އެމީހުންގެ ރަށްޓެހިންނާއި، ރަހުމަތްތެރިންނާއި ތިމާގެމީހުންނާއި ގައުމު މީހުންނަށް ވަޒީފާ ދިނުމުގައި ހާއްސަ ސަމާލުކަމެއް ދޭ. އެހެންވީމަ އެއީ އިޝޫއެއް. ދިވެހި ސްޓާފުންނާމެދު ތަފާތުކުރުންތައް އާންމުކޮށް އޮވޭ،" މައުރޫފް ވިދާޅުވި އެވެ.
"ރިސޯޓުތައް އޮޕަރޭޓް ކުރުމުގައި މިހާރު ބޮޑުތަނުން ގިނައީ ބިދޭސީން. މުޅި ކޮންޓްރޯލު މި އޮންނަނީ ބިދޭސީން އަތުގައި މަދު ރިސޯޓެއް ފިޔަވާ،" އެހެންވީމަ ދިވެހި އޯނަރެއް ހުއްޓަސް އޮޕަރޭޝަންއާއި ޕްރޮޕަޓީ އޯން ކުރުމާއި މިކަންކަން މިއޮންނަނީ ބޭރު މީހުން އަތަށް ގޮސްފަ."
މައުރޫފް ވިދާޅުވި ގޮތުގައި މެނޭޖްމަންޓް ލެވެލްގެ ވަޒީފާތަކުގައި ބިދޭސީން ތިބޭތީއާއި، އެމީހުން ގިނަވާ މައްސަލައިގައި އަބަދުވެސް ޓޫރިޒަމް މިނިސްޓްރީއާ ޝަކުވާތައް ހިއްސާކުރިޔަސް މާބޮޑު އެކްޝަނެއް ނުގަނަ އެވެ. އެކަމަކީ މިނިސްޓްރީގެ މާބޮޑު ކަންބޮޑުވުމެއް އޮތްކަމެއްގެ ގޮތުގައި ނުފެނެ އެވެ.
ޑޮލަރު/ ފައިސާ ދަނީ އޮފްޝޯ އެކައުންޓުތަކަށް
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރެއްނުވެ އެވެ. ޑޮލަރު ދަނީ ބޮޑެތި ރިސޯޓު އޯނަރުންގެ އޮފްޝޯ އެކައުންޓުތަކަށެވެ. ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވަމުން ނުދާތީ އެކަން ހައްލުކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހަށްވެސް ގަރާރެއް ހުށަހެޅި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން-- ފޮޓޯ/ މަޖިލިސް
ޓޫރިޒަމްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވާނެ ގޮތެއް ގާނޫނާއި ގަވައިދުން ފަހި ނުކުރެވޭ ނަމަ ދައުލަތަށް ލިބެން ޖެހޭ އެތައް ފައިސާއެއް ގެއްލޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމްގެ ގިނަ ވިޔަފާރިތައް ހިންގަނީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކެއް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ކަމަށް ވާތީ ޓީޖީއެސްޓީގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ވެސް ދައުލަތަށް ފުރިހަމައަށް ނުލިބޭ ކަމަށް މަޖިލިސް ބައެއް މެންބަރުންވެސް ވިދާޅުވެފައިވެ އެވެ.
"ރިސޯޓުތަކުން ލިބޭ ޑޮލަރު ޕްރޮފިޓްވެސް ހަރެއް ނުލައި، އެކި ގޮތްގޮތަށް ބޭރުވަނީ. އެއީ ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ ކަމެއް، އެއްވެސް ސަރުކާރަކަށް ކުރަން ނުކެރިފައި އޮތް ކަމެއް،" ޓީމް އިން ބުންޏެވެ.
"ނުފޫޒުގަދަ ރިސޯޓު އޯނަރުން ބާރު ގަދައީ މާބޮޑަށް. އެމީހުންގެ ބޭރުގެ އޮފްޝޯ އެކައުންޓުތަކަށް ފައިސާ ޖަމާކުރަނީ، ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު ހަރެއް ނުލައި. އެފަރާތްތަކުގެ ފައިސާ ބޭނުންކުރަނީ ސިޔާސީ ގޮތުން ކަންކަން ކާމިޔާބު ކުރަން، އެމީހުންނަށް ގެއްލުންވާ ގޮތަކަށް ކަންކަން ކުރާކަށް ސަރުކާރަކަށްވެސް ނުކެރޭ. އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޭގެ ގެއްލުން ވަނީ،"
މިނިސްޓްރީން ބުނީ ހައްލު އެބަ އޮތް ކަމަށް!
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު ލަޅުދަނޑިއަކީ އެ ދާއިރާގައި ވަޒީފާ އަދާކުރަން ބޭނުންވާ ކޮންމެ ދިވެއްސަކަށް ވަޒީފާ ކަށަވަރުކޮށްދިނުމެވެ.
ރޭޝިއޯ މުޅިން ބަދަލުކޮށްލައި، ދިވެހިން އެންމެ އަދާކުރަން ބޭނުންވާ ވަޒީފާތަކަށް ދިވެހިންގެ ބޮޑު ޕަސެންޓޭޖެއް، މިސާލަކަށް %80 ދިވެހިން ގެންގުޅެންޖެހޭ ގޮތަށް ހެދުމަށް މިހާރު އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ވަޒީފާތައް ދިވެހިންނަށް ލިބި، ދެން އެހެން ވަޒީފާތައް ބިދޭސީންނަށް ދިނަސް މައްސަލައެއް ނެތެވެ.
"އެހެން ވަޒީފާތަކަށް ހުސް ބިދޭސީން ނެގިޔަސް މައްސަލައެއް ނެތް. އެކަމަކު އެއިގެން ވަޒީފާއަކަށްވެސް ދިވެއްސަކު ދާން ބޭނުމިއްޔާ ދިވެހިންނަށޭ ފުރުސަތު ލިބެންޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މައުސޫމް-- ފޮޓޯ/މަޖިލިސް
ބިދޭސީންގެ މައްސަލަތަކާއި، މިހާރަށްވުރެ ވަޒީފާގައި ކުރިއަށްދާން ބޭނުންވެ، ވާދަވެރި ފުރުސަތެއްގެ ތެރެއިން އެކަން ނުވާނަމަ، ޓޫރިޒަމް މިނިސްޓްރީގެ
[email protected] އީމެއިލް އަށް ޝަކުވާ ހުށަހެޅޭނެ އެވެ. އޭރުން އެކަން ހައްލުކޮށްދޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.
ވަޒީފާތަކުގެ އިތުރުން، ބިދޭސީން ރާއްޖޭގެ ގިނަ ރިސޯޓުތައްވެސް އޯން ކުރިޔަސް، މިނިސްޓަރު ވިދާޅުވި ގޮތުގައި "ޝުކުރުވެރިވާންވީ ބޭރު މީހުން އައިސް ރާއްޖޭގައި ވިޔަފާރި ކުރާތީ،" އެވެ. އެގޮތަށް ކުރާ ކުރުމުގައި ދިވެހިންނާ ބައިވެރިވެގެން އެކަން ކުރުމެވެ.
އެކަމަކު ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ ދިވެހި މުވައްޒަފުންނާއި، އެ މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން މިނިސްޓަރުގެ އެވާހަކަތަކާއި ދެބަސްވެ އެވެ. ރާއްޖެއަށް ފަތުރުވެރިކަމުގެ ފުރިހަމަ މަންފާ ނުލިބި، ބިދޭސީންނަށް އެ ދާއިރާގެ ފައިދާ މާ ބޮޑެވެ. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރާއި، މުޅި ގައުމުގެ އިގްތިސާދާ ގުޅިފައިވާ އެ ދާއިރާ ބިދޭސީންނަށް މާބޮޑަށް އޮތީ ދޫކޮށްލެވިފަ އެވެ.