އެއް ކޮޓަރީގެ ފްލެޓުތަކުން ސަރުކާރަށް ނެގި 36 ފްލެޓަށް ވީނުވީ ނޭނގިގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަ ކަމަށް އާންމުންގެ އެކުވެރި ގުޅުމުން މިއަދު ބުނެފިއެވެ.
އެޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަޅަން ފެށުނު ހިޔާ 1 ކޮޓަރި ފްލެޓު ތަކަކީ ސަރުކާރުގެ އެސްއޯއީ ތަކާއި ގުޅިގެން، އެކުންފުނިތަކުން އަޅާ ފްލެޓުތަކުން ބައެއް އިޖްތިމާއި ބޯހިޔާވަހިކަމުގެ ފްލެޓްތަކުގެ ގޮތުގައި ސަރުކާރަށް ނަގަން އެއްބަސްވެވި ތަރައްގީ ކުރަން ފެށުނު ތަންތަނެވެ.
އެޖަމިއްޔާ އިން ބުނީ ހިޔާ 1 ކޮޓަރި ފްލެޓުތަކާއި ބެހޭގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޕްރެސްތަކުގައި ފުރަތަމަ ހެއްދެވީ އިތުރުފުޅު ކަމަށެވެ. އެގޮތުން އަސްލަމް ވިދާޅުވެފައިވަނީ އެއް ކޮޓަރި ފްލެޓުތައް ވުޖޫދުގައި ނުވާކަމަށެވެ.
އެހެނަސް އެމަނިކުފާނު ހެއްދެވީ އިތުރުފުޅުކަން ފަލީހަތްވުމަށް ވަހު، ސަރުކާރުން އެއް ކޮޓަރި ތަންތަން ގަންނަން ބޭނުން ނުވާކަމަށް ބުނެ އެސްއޯއީ ތަކަށް ފޮނުވި ސިޓީތައް ފެންމަތިވުމަށް ފަހު, ރައްޔިތުންގެ މަޖިލީހަށް ވަޒީރު އަސްލަމް ހާޒިރުކޮށް ކުރެވުނު ސުވާލުތަކަށް ޖަބާވު ދެއްވަމުން ވިދާޅުވީ ހިޔާ އެއްކޮޓަރި ފްލެޓުތަކުން ސަރުކާރަށް ނެގެން އޮތީ ހަމައެކަނި އެމްޑަބްލިއުއެސްސީ އިން އަޅާ ފްލެޓުތަކުން 36 ފްލެޓު ކަމަށެވެ. އަދި އެ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދޭނެވާހަކަ ވިދާޅުވިއެވެ.
އާންމުންގެ އެކުވެރި ގުޅުމުން ބުނީ 18 ފެބްރުވަރީ 2021 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވަނީ އެމްޑަބްލިޔުގެ ފްލެޓުތަކުގެ ތެރޭގައި ހިމެނޭ ހިޔާ އެއް ކޮޓަރީގެ 36 ފްލެޓު H14 އަދި H12 އަށް އެލޮކޭޓު ކޮށްފައި ވާކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް 28 ފެބްރުވަރީގައި އެމްޑަބުލިޔުއެސްސީ ފްލެޓުތައް މީހުންނާ ހަވާލުކޮށް ނިމުނުއިރުވެސް ކުރިން ސަރުކާރުން ބުނި 36 ފްލެޓުގެ އެއްވެސް ހަބަރެއް ލިބިފައި ނުވާ ކަމަށެވެ.
"އިއުލާނުގައި ވާގޮތަށް އެމްޑަބްލިޔުއެސްސީގެ ފްލެޓުތަކުގެ ތެރެއިން އެ 36 ފްލެޓު އެލޮކޭޓު ކުރިތޯ ނޫންތޯ، އެ ފްލެޓުތައް ބަޔަކަށް ދިނީތޯ ނޫންތީ، އެއަށް ވީނުވީއެއް ނޭނގިގެން އެ ކެޓެގަރީން ކުރިމަތިލި ފަރާތްތަކުން އަޅުގަނޑުމެންނަށް ގުޅަމުން އެބަދެއެވެ. ވީމާ މީޑިއާތަކުން ވުޒާރާއަށް ގުޅުއްވަވައި އެ 36 ފްލެޓަށް ވީގޮތް ސާފުކޮށްދެއްވުމަށް އަޅުގަނޑުމެން އެދެމެވެ." އާންމުންގެ އެކުވެރި ގުޅުމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ 36 ފްލެޓަށް ވީނުވީ އެއް ނޭނގި H14 ގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، H12 ގެ މާލޭ ރަށްވެހިންގެ ބައިން ކުރިމަތިލައި ފްލެޓު ލިބުނު މީހުން ތިބީ މާޔޫސްކަންމަތީގަ ކަމަށް އެޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.