ބްލައިންޑް އެސޯސިއޭޝަނުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނުކުޅެދުނެތެރިކަން ހުންނަ، އަދި ހާއްސަކޮށް ލޯފަން ފަރާތްތަކަށް، ސިއްރު ވޯޓު ލުމުގެ ފުރުސަތު ހަމަޖައްސާދީފައިނުވާތީ އެކަމަށް ހައްލެއް ހުށަހަޅައިފިއެވެ.
މި ޕްރެސްކޮންފަރެންސް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
ގާނޫނު ނަމްބަރު 8/2010 ގައި ބަޔާންކުރާގޮތުގެ މަތިން، ލޯފަން ފަރާތްތަކަށް ސިއްރު ވޯޓުލުމުގެ ހައްގު އެ ފަރާތްތަކަށް ގާނޫނީގޮތުން އެބައޮތެވެ. ނަމަވެސް، މިހާތަނަށް އައިއިރުވެސް އެ ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި އެއްވެސް އިންތިޒާމެއް ކަމާބެހޭފަރާތްތަކުން ކަށަވަރުކޮށްދީފައިނުވާތީ، އެ ޖަމުއިއްޔާއިންވަނީ އެމައްސަލަ މަތިކޮށް، އެކަމަށް ހައްލެއްވެސް ހުށަހަޅާފައެވެ.
ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޖަމުއިއްޔާގެ ރައީސް ހުސެއިން ޝަރީފް، ލޯފަން މީހުންނަށް ވޯޓުލުމުގައި ސިއްރުކަން ނެތުމާއި ގުޅިގެން 2017 އިން ފެށިގެން އިލެކްޝަން ކޮމިޝަނާއި އަދި އެހެން އިދާރާތަކާއި އެކީގައި މަޝްވަރާކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް އެކަމަށް ހައްލެއް ހަމަޖެހިފައިނުވާތީވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެގޮތުން، މީގެކުރިން އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މުއައްސަސާއިން ލޯފަން ފަރާތްތަކަށް ސިއްރު ވޯޓުލުމުގެ ހައްގާއި، އެ ފުރުސަތު ފަހިކޮށްދެވިފައިނުވުމުގެ ސަބަބުތައް ތަފްސީލްކުރަމުން އެއް ސަބަބަކީ އެކަމަށް ފުދޭވަރަށް ބަޖެޓްނެތުންކަމަށް ބުނެފައިވާކަމުގައި ހުސެއިން ވިދާޅުވިއެވެ. ހަމައެއާއިއެކު، އިލެކްޝަން ކޮމިޝަނާއި އަދި ލޯފަން ޖަމުއިއްޔާއާއި އެކު މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަޝްވަރާތަކުގެ ތެރެއިން، ކޮންމެ ފަހަރަކުވެސް ދައްކާ ބަހަނާއަކީ އިލެކްޝަނާއި ގާތްވީމައި އެ ފުރުސަތު ފަހިކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސޭނެވަރަށް ވަގުތު ތަން ނުދިނުންކަމަށާއި، އަދި ދެން އަންނަ އިލެކްޝަނެއްގައި އެ ފުރުސަތު ފަހިކޮށްދޭނެކަމަށް ބުނާ ކަމަށެވެ.. ނަމަވެސް އަދިއަދަށްދާންދެންވެސް އެފަދަ އިންތިޒާމެއް ނެތްކަމަށް ހުސެއިން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިކަން ފަހިނުކޮށްދެވޭ ސަބަބެއްކަމަށް އިލެކްޝަނުން ދެން ނަގާ އަނެއް ނުކުތާއަކީ، ވޯޓުލާ ފޮށި ކައިރީގައި ގަލަމެއް ފިޔަވައި އެހެން އެއްވެސް ޒާތެއްގެ އެއްޗެއް ގެންގުޅުން މަނާވުންކަމަށް ޙުސައިން ވިދާޅުވިއެވެ. މިކަމުގެ ރައްދުގައި ޖަމްއިއްޔާއިން ދިން ހައްލަކީ އަމިއްލި ފަރާތެއްގެ ބަދަލުގައި، އިލެކްޝަން ކޮމިޝަނުން ނުވަތަ އިލެކްޝަން މަރުކަޒުން އެފަދަ ހަރު ގަނޑުކޮޅެއް، އިލެކްޝަންގެ މުވައްޒަފެއްގެ ފަރާތުން ލޯފަން ފަރާތްތައް ވޯޓުލުމަށް އައުމުން ފޯރުކޮށްދިނުމެވެ.
އެގޮތުން، ޖުމްލަކޮށް މައްސަލައަށް ހައްލެއްގެ ގޮތުގައި އެ ޖަމުއިއްޔާއިން ހުށަހެޅީ، އާންމު ގޮތެއްގައި ބޭނުންކުރާ ވޯޓު ކަރުދާހަށް، މާ ބޮޑު ބަދަލެއް ނުގެނައިސް ވޯޓު ލާ ގަނޑާއި އެއް ބަށްޓަމަކަށް އަދި އެއް ވަރަކަށް ފަރުމާކޮށްފައިވާ، އާންމު ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަމާއި، އެ ފަރާތަށް ވޯޓުލާން ފާހަގަ ލާނެ ގޮޅިއާއި އެއް ހަމައެއްގައި، އެ ކަރުދާސް މަތިން ބާއްވާ ހަރު ގަނޑުގައި ސީދާ އެ ދިމާލުން ފާހަފަ ނިޝާނެއްގެ ބަށްޓަމަށް ކެނޑުމަށެވެ. ނަތީޖާއަކީ، އަންމުކޮށް ކަންއޮންނަ ގޮތާއި ހިލާފަށް، އެއްވެސް އިތުރު މީހަކާއި ނުލައި، އާންމު ވޯޓު ކަރުދާހުގެ މަތިން ބާއްވާ ހަރު ކަރުދާހުގައި ކަނޑާފައިވާ ފާހަގަ ނިޝާނުގެ ސަބަބުން ލޯފަން ފަރާތްތަކަށްވެސް، ސިއްރުގައި އެ ފަރާތް ހިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު ފަހިވެގެންދިއުމެވެ.
އިތުރަށް އެ ޖަމުއިއްޔާގެ ނައިބު ރައީސް ފާހަގަކުރެއްވީ، ކޮންމެ ލޯފަން ފަރާތަކަށް އެފަދަ ހަރު ކަރުދާހެއް ހަމަޖައްސައިނުދިނަސް، ކޮންމެ ވޯޓު ފޮށްޓެއްގައި އެ ހަރު ޒާތުގެ އެންމެ ގަނޑުކޮޅެއް އިލެކްޝަނުގެ ފަރާތުން ބޭއްވުމުން، އެތަނަށް ވޯޓުލާ ހުރިހާ ލޯފަން މީހުންނަށް އެ ކަރުދާސްކޮޅު ބޭނުންކޮށްގެން ވޯޓު ލެވޭނެކަމެވެ.
އެ ޖަމުއިއްޔާއިން އިސްނަގައިގެން މި މައްސަލައަށް ހައްލެއް ހުށަހެޅުމުގެ ދެތިން ސަބަބެއް ފާހަގަކުރިއެވެ. ގާނޫނީގޮތުން ބަޔާންކޮށްފައިވާ ސިއްރު ވޯޓުލުމުގެ ހައްގު ތަންފީޒްކޮށް، އެ ހައްގު ލިބިދޭކަމަށް ކަށަވަރުކުރުމުގެ އިތުރުން މި ހައްލަކީ، ލޯފަން ފަރާތްތަކަށާއި އެހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެވަނަ މީހެއްގެ އެހީގައި ވޯޓުލާންޖެހުމުން، ބައެއް ފަހަރު ސިޔާސީ ގޮތުން ހިޔާލު ތަފާތުވާނަމަ، އެކަމުގެ ނުފޫޒް އެފަރާތްތަކަށް ފޯރާތީވެ އެކަން ހުއްޓުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެކެވެ.
މިސާލަކަށް، އެ ޖަމުއިއްޔާގެ މުހައްމަދު މާޒިން ސިފަކުރެއްވި އެއް ގޮންޖެހުމަކީ، ކިތަންމެ ގާތް އެހީތެރިއެއްވެސް ސިޔާސީގޮތުން ހިޔާލު ތަފާތުނަމަ، ވޯޓު ކަރުދާހުގައި ލޯފަން ފަރާތް، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތް ހިޔާރުކުރާ ކެންޑިޑޭޓުގެ ގޮޅީގައި ފާހަގަނުލައި، އޮޅުވާލާފައި އެހިތެރިޔާ ހިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓު ލުމުގެ ފުރުސަތު އޮތްކަމެވެ. އަނބިމީހާ ވިޔަސް އެ އިތުބާރު ނެތްކަމަށް މާޒިން ވީދާޅުވިއެވެ.
ނިމްމާލަމުން އެ ޖަމުއިއްޔާގެ ފަރާތުން، ދިވެހި އެކި މުއްސަސާތަކުގެ އެހީއަށާއި، އަދި ދިވެހި ނޫސްތަކުގެ އެހީއަށް އެދިފައިވެއެވެ. ހަމައެއާއިއެކު، މިކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާދެވެން އިލެކްޝަން ކޮމިޝަނުން ނެތިއްޔާމުން، ލޯފަން ޖަމުއިއްޔާއިންވެސް އެ ބަޖެޓް ހޯދާނެކަމުގެ ޔަގީންކަމާއި، މި މައްސަލަ ހައްލުކޮށް ގާނޫނީގޮތުން އެމީހުންނަށް ލިބިފައިވާ ހައްގު ފުރިހަމައަށް ލިބެންދެން މަސައްކަތް ކުރާނެކަމަށް ޖަމުއިއްޔާގެ ނައިބު ރައީސް ޝަރީފް ޔަގީންކޮށްދެއްވިއެވެ.