އައްޑު ސިޓީގެ އެއާޕޯޓު އަދި ސީޕޯޓު ތަރައްގީކުރުމގެ އަޒުމާއި ހެޔި ނިޔަތް ރައީސް އިބްރާހީމް ޞާލިހްގެ ސަރުކާރުގައި ނެތްކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަލުއިކުރުމަށް ގޮވައިލާ ޤަރާރަކަށް ބަހުސްކުރައްވަމުން އިލްޔާސް ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް މަސައްކަތް ކުރުމަށް 30 މިލިއަން ޑޮލަރުން ހަރަދު ކުރާއިރު މި އަހަރުގެ ބަޖެޓުގައި ސަރުކާރުގެ ޝެއާއަށްވާ 3 މިލިއަން ޑޮލަރު ހިމެނިފައިވާކަމަށް ސަރުކާރުން ބުނާކަމަށެވެ. އަދި އިތުރަށް 27 މިލިއަން ޑޮލަރު ބޭނުންވާއިރު ކާސާ ހޯލްޑިންއިން 5 މިލިއަން ޑޮލަރު ދޭނެކަމަށް ބުނެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ރައީސް އިބްރާހީމްގެ ސަރުކާރުން އައްޑޫ އެއާޕޯޓުވެސް އަދި އައްޑޫ ސީޕޯޓުވެސް ތަރައްގީކުރުމުގެ ވިސްނުމެއް، އަޒުމެއް އަދި ހެޔޮ ނިޔަތެއް އޮތްކަމަށް އޭނާއަށް ގަބޫލެއް ނުކުރެވޭކަމަށާއި އައްޑޫ ރައްޔިތުންވެސް އެކަން ގަބޫލު ނުކުރާކަމަށެވެ.
"100 މިލިއަން ޑޮލަރުގެ ރިސޯޓެއް ރާއްޖޭގައި ހަދާލާ 3 އަހަރުގެ ތެރޭގައި. ހަދާ ނިންމާ އޮޕަރޭޓްކޮށް ގެސްޓުން އައިސް ހުރޭ އެއީ ހަމަ ހުރިހާ ކަމެއް ނިންމަނީ، އަޅުގަނޑުމެން މި އުޅެނީ އެއާޕޯޓެއް ނުހެދިގެން" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ މި ސަރުކާރުން އައްޑޫ އެއާޕޮޓުގެ ތަރައްގީކުރުމުގެ މަސައްކަތަށް ބޭނުންވާ އަމަލީގޮތުގެ ޕްލޭން އެކުލަވާލާފައިވެސް ނުވާކަމަށާއި އެހެންކަމުން މި ސަރުކާރުން އެ މަސައްކަތް ނިންމުމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރާކަން ހާމަވާކަމަށެވެ.