ލައްކައަކަށްވުރެ ގިނަ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭ ވަރަށް ސަރުކާރުން ލޯނުތައް ނަގާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެއްލައްކަ ތިރީސް އަށްހާސް އާއިލާގެ ބޯހިޔާވަހިކަން ހުޅުމާލޭގައި ގާއިމުކުރެވޭނެ ފްލެޓުތައް އަޅައި، 2018 އިން 2023 އަށް ނިންމޭ ވަރަށް ސަރުކާރުން ލޯނު ނަގާފައިވާ ކަމަށެވެ.
އެކަމަކު އެއިގެން އެއްވެސް ކަމެއް ނުވެ، ރައީސް އިބްރާހީމް މުހައްމަދު މަސައްކަތް ކުރެއްވީ ސިޔާސީ ބާރުގަދަކޮށް، ދެވަނަ ދައުރެއް ހޯދުމަށް ސިޔާސީ މަގާމުތައް އުފެއްދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމެއް ބިނާކުރުމުގެ އެއްވެސް ކަމެއް ނުކުރޭ. ފަސް އަހަރުވީ ކައުންސިލް ދިނޭ، މަޖިލިސް ދިނޭ ސަރުކާރު ދިނޭ ކޮން ކަމެއްހޭ ކުރެވުނީ،" ސައީދު ސުވާލުކުރެއްވި އެވެ.
"ކޮން ދެވަނަ ދައުރެއް ދޭކަށްތޯ، ކޯންޗެއް ބޭނުންވެގެން މިއުޅެނީ ދެވަނަ ދައުރެއް ނުލިބިގެން، ކޮން އިސްލާހެއްތޯ ނުގެނެވިގެން، ހުސް ފައިސާ ނަގައިގެން ޕްރިންޓު ކުރަނީ، ރައީސް އޮފީހުގައިވެސް ޕްރިންޓު ކުރަނީ އެމްއެމްއޭގައިވެސް ޕްރިންޓު ކުރަނީ ނުވިތާކަށް އިންޑިއާއިން ގެންނަ ލޯނުން ކުރާ މަސައްކަތަށް މިއަދު މި ރާއްޖޭގައި މުދަލެއް ހުރިއްޔާ ވިއްކައިފި."
އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއް ހޯދަން ރައީސް އިބްރާހީމް މަސައްކަތް ކުރައްވާއިރު، އެމަނިކުފާނު ވަނީ ލޯނުތައް ނެގުމަށް މުޅި ރާއްޖޭގެ ކަނޑު ފަޅުތައް މޯގޭޖްކޮށްފަ އެވެ. އަދި ލޯނުތަކުގެ އިތުރުން ފައިސާ ޗާޕުކުރާތީ ވެސް ސައީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މޯގޭޖް ކުރަމުން ކުރަމުންގޮސް، މިރާއްޖޭގެ ކަނޑެއް، ފަޅެއް، ރަށެއް އޮވެއްޖިއްޔާ މޯގޭޖްކޮށްފި. ދެން މިތަނަށް އައިސް ހައްގުތަކުގެ ވާހަކަ ދައްކާއިރު މި މެންބަރުންނަށް ނުފެންނަނީތޯ ހަމަ ދެވަނަ ދައުރު، ދެވަނަ ދައުރު ދެވަނަ ދައުރު، ކޮން ދެވަނަ ދައުރެއް ދޭކަށްތޯ،" ރައީސް އިބްރާހީމްގެ އިސްތިއުފާއަށް ގޮވައިލައްވައި ސައީދު ވިދާޅުވި އެވެ.