އިނގިރޭސިވިލާތުގެ ބަރުލަމާނުގެ ތިރިގޭގެ ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ ބެޓީ ބޫތްރޮއިޑް އުމުރުން 93 އަހަރުގައި އަވަހާރަވެއްޖެއެވެ.
އިނގިރޭސި ބަރުލަމާނުގެ ތިރިގެކަމަށްވާ ހައުސް އޮފް ކޮމަންސްގެ މިހާރުގެ ރައީސް ލިންޑްސޭ ހޯއިލް ހޯމަދުވަހު ނެރުއްވި ބަޔާނެއްގައި ބޫތްރޮއިޑަކީ އުންމީދުތައް ދިރުވައިދެއްވި އަންހެނެއް އަދި ސިޔާސީ ބޭފުޅެއްކަމަށް ސިފަކުރައްވައި އޭނާ އަވަހާރަވިކަން އިއުލާނުކުރައްވާފައިވެއެވެ.
"[ހައުސް އޮފް ކޮމަންސް]ގެ ފުރަތަމަ އަންހެން ރައީސަށްވުމަކީ ވަރުގަދަ ކާމިޔާބެއް. އެ ބިއްލޫރި ސީލިން ފަހަނައަޅައި ބެޓީ ވަޑައިގަތީ ހިތްވަރާއެކު،" ހޮއިލް ވިދާޅުވިއެވެ.
ޤަވާއިދުތަކުގައި ހިފަހެއްޓެވި ނަމަވެސް ބެޓީ އެޅުއްވި ކޮންމެ ފިޔަވަޅެއް އެޅުއްވީ މަޖާ މިޒާޖު އިސްކުރެއްވުމާއެކުކަމަށާއި އޭނާއަކީ ތަފާތު، ވިސްނުންފުޅު ތޫނު، މަޖާ، ވަރުގަދަ އަންހެން ބޭފުޅެއްކަމަށާއި އޭނާ މަތިން އަބަދުވެސް ހަދާންވާނެ ކަމަށް ހޮއިލް ވިދާޅުވިއެވެ.
އިނގިރޭސި ބަރުލަމާނުގެ ތިރިގޭގެ ފުރަތަމަ އަންހެން ރައީސަކަށް ބޫތްރޮއިޑް ވެވަޑައިގަތީ 1992 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެމަޤާމުގައި 2000 ވަނަ އަހަރުގެ އޮކްޓޯބަރާ ހަމައަށް އޭނާ ހުންނެވިއެވެ.
ވެސްޓް ބްރޫމްވިޗް ވެސްޓު ދާއިރާ ތަމްސީލުކުރައްވާ ލޭބާ ޕާޓީގެ ބަރުލަމާނު މެންބަރުކަން 1973 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ބްރޫތްރޮއިޑް ފުރުއްވިއެވެ.
އިނގިރޭސި ބަރުލަމާނުގެ މަތިގޭގައި ބެރޮނެސްއަކަށް އޭނާ ހަމަޖެހުނީ 2001 ވަނަ އަހަރުއެވެ. މަތިގޭގައި ތިއްބަވާ ބޭފުޅުންނަކީ އިންތިޚާބުވެވަޑައިގަންނަވާ ބޭފުޅުންނެެއް ނޫނެވެ.