Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ ސަފީރު ވަންގް

މިނިވަން ވިޔަފާރި އެއްބަސްވުން ތަސްދީގުކޮށްފިނަމަ ވާދަވެރި އަގެއްގައި މަސް ޗައިނާއަށް ބޭރުކުރެވޭނެ: ސަފީރު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަސްދީގުކޮށްފިނަމަ ވާދަވެރި އަގެއްގައި ޗައިނާއަށް މަސް ބޭރުކުރެވޭނެކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ވިދާޅުވެއްޖެއެވެ.

ޗައިނާއާ ރާއްޖޭގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ. އެ އެއްބަސްވުމުގައި ސޮއިކޮށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު ބަދަލުވުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެއަށް އަމަލުކުރުން ހުއްޓާލާފައިވެއެވެ.

އެ އެއްބަސްވުމަށް އަމަލުކުރުމަށް ސަރުކާރުން ދެކޮޅުހަދާ ސަބަބެއްކަމަށް މިހާތަނަށް ސަރުކާރުގެ ވެރިން ވިދާޅުވަނީ އެ އެއްބަސްވުމަކީ މާ ބޮޑަށް އެއް ފަރާތަކަށް ބުރަވާ ގޮތަށް އެއްބަސްވުމަކަށް ވުމެވެ.

ޗައިނާއާއެކު އެކުލަވައިލެވުނު ވިޔަފާރީގެ އެއްބަސްވުމަކީ މިހާތަނަށް ރާއްޖެއިން ހެދި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. އެ އެއްބަސްވުން އެކުލަވައިލި މައިގަނޑު ސަބަބަކީ ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުންނެވެ.

ޚާރިޖީވުޒާރާގެ އޮފިޝަލަކު ނަންނުޖަހާ ގޮތަށް "ދިޔަރެސް"އަށް މައުލޫމާތު ދިން ގޮތުގައި އެ އެއްބަސްވުން ތަންފީޒުކުރުމަށް ދެކޮޅުހަދަނީ އިންޑިއާއިން އެ އެއްބަސްވުން ތަންފީޒުކުރުމަށް ދެކޮޅުހަދާތީއެވެ.

ޗައިނާ ސަފީރު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ މަސް ކާރުޚާނާއަކަށް ވަޑައިގެން މަސް ބަންދުކުރާ ގޮތް ބައްލަވައިލެއްވި ކަމަށެވެ. އަދި ރޯ މަސް ބަންދުކުރުމުގައި އެ ކާރުޚާނާގައި ހިފަހައްޓާ މިންގަނޑުތަކުގެ ރަނގަޅުކަމުން އުފާވެވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ.

އެއާއެކު ސަފީރު ވިދާޅުވީ ރޯ މަހަކީ ޗައިނާގައި ވަރަށް މަޤުބޫލު އެއްޗެއް ކަމަށާއި، އަދި ދިވެހި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަސްދީގުކޮށް އަމަލުކުރަން ފަށައިފިނަމަ، ވާދަވެރި އަގެއްގައި ޗައިނާއަށް މަސް ބޭރުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ