Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބާދުވުންތައް

ޔަހޫދީ އާބާދުވެރިން ފަލަސްޠީނު އަވަށެއްގައި ހިންގި ހަމަނުޖެހުމަށްފަހު އިސްރާއީލުން ސިފައިން އިތުރުކޮށްފި

ހުޅަނގު އައްސޭރީގައި ފަލަސްޠީނު މީހަކު ބަޑިން ދިން ހަމަލާގައި އިސްރާއީލު މީހަކު މަރުވެ، ޔަހޫދީ އާބާދުވެރިންތަކެއް ފަލަސްޠީނުގެ އަވަށަކަށް އަރައިގަނެ ގެތަކާއި އުޅަނދުފަހަރުގައި ހުޅު ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް، ހުޅަނގު އައްސޭރީގައި ތިބި އިސްރާއީލުގެ ފުލުހުންގެ އަދަދު އިތުރުކުރަން ނިންމައިފިއެވެ.

އާބާދުވެރިން ހިންގި ހަމަނުޖެހުންތަކާއެކު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ތެރޭގައި ހުރި ރެނދުތައް ފާޅުވާން ފަށާފައިވެއެވެ. އެގޮތުން ހަމަޖެހުން އިސްކުރުމަށް ނަތަންޔާހޫ ގޮވައިލިއިރު އޭނާގެ ސަރުކާރުގެ އެހެން ބައެއް މެންބަރުންވަނީ އެ ހަމަނުޖެހުންތަކަށް ހިތްވަރުދީފައެވެ.

މި ހަމަނުޖެހުންތަކުން އިސްރާއީލު ފަލަސްޠީނު މައްސަލާގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ނުކުޅެދުންތެރިކަމާއި ހަނިކަން ހާމަވެއެވެ. އެމެރިކާއިން މި މައްސަލާގައި ގެންގުޅޭ ސިޔާސަތަކީ މައްސަލައިގެ ކުންނުގައި ހުރި މުހިއްމު ބޮޑެތި ކަންތައްތައް ހައްލުކުރަން މަސައްކަތްނުކުރުމެވެ.

ހުޅަނގު އައްސޭރީގެ ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު، އާދީއްތަދުވަހު އުރުދުނުގައި ފަލަސްޠީނާއި އިސްރާއީލުގެ އޮފިޝަލުން އެއްކޮށްގެން އެމެރިކާއިންވަނީ ނުތަނަވަސްކަން ކުޑަކުރުމުގެ މަޝްވަރާތައް ފަށާފައެވެ. ނަމަވެސް އެ މަޝްވަރާތައް ކޮޅެއްގައި ޖެހިފައިނުވެއެވެ.

އާދީއްތަދުވަހުގެ ހަމަނުޖެހުންތައް ފެށުނީ ފަލަސްޠީނު މީހަކު ބަޑިން ހަމަލާދީ ދެބެއިންކަމަށްވާ ހިލެލް އަދި ޔަގެލް ޔަނީވް މަރައިލުމުންނެވެ. ބަޑިޖެހި މީހުންވަނީ ހަމަލާދިނުމަށްފަހު ފިލައިފައެވެ.

އެ ހަމަލާއަށްފަހު ޔަހޫދީ އާބާދުވެރިންތަކެއްވަނީ ހަވާރާ ނަމަކަށް ކިޔާ ފަލަސްޠީނު އަވަށުގެ މައި މަގަށް އަރައިގަނެ ގެތަކާއި އިމާރާތްތަކާއި މަގުމަތީގައި ހުރި ކާރުތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައިފައެވެ.

އެ ހަމަނުޖެހުންތަކަށްފަހު އާދީއްތަދުވަހުގެ އިރާކޮޅުގައި އުމުރުން 37 އަހަރުގެ ފަލަސްޠީނު މީހެއްގެ ގައަށް ބަޑިޖަހައި މަރާލާފައިވެއެވެ. އަދި އިތުރު ދެ މީހަކަށް ބަޑިން ދިން ހަމަލާތަކެއްގައި އަނިޔާވިއެވެ. އަދި އެކަކު ގައިގައި ދަގަނޑުބުރިއަކުން ތަޅައި އަނިޔާކޮށްފައިވެއެވެ.

ހޯމަދުވަހުގެ ހެނދުނު ޙަވާރާގެ މައިމަގުގެ ދެފަރާތުގައި ހުރީ އަނދާފައި ހުރި ކާރުތަކާއި އަލިފާނުގެ ސަބަބުން އަޅިއަށްވެފައި ހުރި އިމާރާތްތަކެވެ. އެހެންޏާ ކާރޫބާރޫ ބޮޑު ފިހާރަތައް ހުރީ ބަންދުކޮށްފައެވެ. ޖުމްލަ 90 ގެއަކާއި ކާރެއްގައި އަލިފާން ރޯކޮށްފައިވާކަމަށް ފަލަސްޠީނު މީޑިއާއިން ރިޕޯޓުކުރެއެވެ.

މި ލިއުމާއި ގުޅޭ