Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީރިޔާ

ބިންހެލުން އައުމުގެ ފަހުން އަލަށް އުތުރު ސީރިއާގެ ދަރިވަރުން މަދަރުސާތަކަށް ނިކުންނަން ފަށައިފި

މި އަހަރު ތެރޭގައި މިހާތަނަށް މުޅި ދުނިޔެއަށް ބިރުވެރިކަން ގެނުވި ތުރުކީއަށާއި ސީރިޔާއަށް އައި 7.8 އާއި 7.7 މެގްނިޓިއުޑްގެ ބާރުމިނުގެ 2 ބިންހެލުން އައުމުގެ 3 ހަފްތާ ފަހުން، އުތުރު ހުޅަނގު ސީރިއާގެ ބައެއް މަދަރުސާތަކުގެ ކިޔެވުން އަލުން ފައްޓައިފިއެވެ. ނަމަވެސް، މަދަރުސާއަށް ހާޒިރުވީ އާންމުކޮށް އަންނަ އަދަދުގެ ދެބައިކުޅަ އެއްބައި ދަރިވަރުންކަން ފާހަގަކުރެވެއެވެ.

އިދިކޮޅުގެ ބާރު އޮންނަ ސަރަހައްދުތަކުގައި ހުރި މަދަރުސާތަކުގެ ކުދިން ކިޔަވަން ނިކުތް ދުވަހުގައި، މުސްތަގުބަލުގައި އައިސްދާނެ ބިންހެލުމަކުން ރައްކާތެރިވުމަށް ބޭނުންކުރާނެ އުކުޅުތަކެއް ދަސްކޮށްދީފައިވެއެވެ. ހަރެމް ބޯއިސް ސްކޫލްގެ އިސް މުދައްރިސު ޝެއިޙް އަހްމަދު ތަފްސީލްކުރައްވާގޮތުގައި، ތައުލީމީ ބޯޑުން ސަލާމަތީ ޑްރިލްތަކެއް ފަރުމާކޮށް، ބިންހެލުން އައުމުން އަޅާނެ ފިޔަވަޅުތައް ކިޔަވާ ކުދިންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ކުއްލި ނުރައްކަލެއް ކުރިމަތިވުމުން އަޅާ ސައިރެންގެ އަޑު އިވުމާއިއެކީގައި، އެއް ހަމައެއްގައި، ހާސްނުވެ މަދަރުސާގެ ކޮމްޕައުންޑްއަށް ގޮސް، ފަތާ ބިމެއްގައި މަޑުކުރަން ދަސްކޮށްދީފައިވެއެވެ. އެއާއެކު ވަރުގަދަ ބިންހެލުމެއް ކުރިމަތިވާ ހާލަތުގައި އެކުދިން ތިބި ކްލާސްރޫމެއްގައި ހުރި މޭޒުތައް އަޑިއަށް ވަދެ، ބޯ ރައްކާތެރިކުރުމަށް އަތް އަޅައިގެން ތިބެން ކިޔާދީފައިވެއެވެ. ބޭރު ކޮމްޕައުންޑްގައި ނުވަތަ މުދައްރިސަކާއި ދުރުގައި ކްލާސްރޫމް ބޭރުގައި ތިއްބާ ސައިރަންގެ އަޑު އިވޭ ހާލަތުގައި ބްރޭސް ޕޮޒިޝަންއަށް ގޮސް، ހުރި ކޮޓަރިއެއްގެ ފާރުގެ ކަނަކަށް ވަދެ ތިބެން ދަސްކޮށްދީފައިވެއެވެ.

ފެބްރުއަރީ 6 ގައި ތުރުކީއަށާއި ސީރިއާއަށް ކުރިމަތިވި ވަރުގަދަ ބިންހެލުމުގައި ސީރިއާގެ އުތުރު ހުޅަނގުގައި ހުރި 250 މަދަރުސާއަކަށް ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރެއިން 1 މަދަރުސާ އެއްކޮށް ސުންނާފަތިވެ ބިމާ ހަމަވެފައިވާއިރު، 250 މަދުރާސެ ތެރެއިން 203 މަދަރުސާއެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވިއެވެ. ނަމަވެސް ބާކީ ތިބި މަދަރުސާތަކަށް ލިބުނު ގެއްލުން ކުޑަވުމާއި ގުޅިގެން އެ މަދަރުސާތަކުގެ ތެރެއިން ބައެއް މަދަރުސާތަކުގައި ކިޔެވުން ފަށާފައިވެއެވެ.

39 މުދައްރިސުންނާއި 421 ދަރިވަރުން މަރުވެފައިވާއިރު، ހަރެމް ރޫރަލް ސްކޫލް ފަދަ ބޮޑެތި ގެއްލުން ލިބިފައިވާ މަދަރުސާގެ ހުރިހާ ދަރިވަރުން ކައިރި މަދަރުސާއަކަށް ބަދަލުކުރަން މަޒުބޫރުވިކަމަށް، އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަލް-ޙާތިބް ވިދާޅުވިއެވެ. ހަރެމް ރޫރަލް ސްކޫލްގައި ތައުލީމް ހާސިލުކުރަމުން އައި 6 ކުދިންނާއި 1 މުދައްރިސަކު ބިންހެލުމުގައި މަރުވިއެވެ.

ހަރެމް އެޑިއުކޭޝަނަލް ކޮމްޕްލެކްސްގައި ތިބޭ 60،000 ދަރިވަރުންގެ ބެލެހެއްޓުމާއި ހަވާލުވެ ހުރި ފާދެލް އަބޫ ބަކުރު އަލުން ކިޔެވުން ފެށުމުގެ މަސައްކަތުގެ ތަފްސީލް ހިއްސާ ކުރައްވަމުން "އަހަރުމެން މި އަންނަނީ ސުންނާފަތި ނުވެ ހުރި މަދަރުސާތަކުގައާއި، ޓެންޓް ޖަހައިގެން ކުރިއަށް ގެންދާ މަދަރުސާތަކުގެ ކުރިއެރުމާއި، ފިލާވަޅުތައް ދަރިވަރުންނާއި ހަވާލުކުރުމުގެ މަސައްކަތް ވަރަށް ކައިރިން މޮނިޓާކުރަމުން" ކަމަށް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ