ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ބައްދަލުކުރެއްވިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ފާޑު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ފަލާހާއި ބައްދަލުކުރެއްވިންތޯ ސުވާލުކުރުމުން ޝަމީމް ވަނީ އެ ބޭފުޅާ ފަލާހާއި ބައްދަލުކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރެއްވީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެކަން ިނގާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ.
ޖަމީލް ވިދާޅުވީ އެ އަމަލުތަކުން އެނގެނީ ބާރުގައި ތިބެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާކަން ކަމަށާއި ސަރުކާރު ބޭނުންވާގޮތަށް ދައުވާކުރުމާއި ނުކުރުން އަނެއްކާވެސް ފެށިފައިވާކަމަށެވެ.