ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލު ދެއްކެވި ވާހަކަފުޅަށް އޭނާގެ ކޮއްކޯފުޅު އަދި އެ ޕާޓީގެ މިހާރުގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ރައްދުދެއްވައިފިއެވެ.
އެމްޑީޕީގައި ކުރިން މަސައްކަތްކުރެއްވި ކުރީގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއިއްޒު އަދުނާނު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ މެންބަރުން އެމްޑީޕީގައި ގިނަޔަސް އެ ޕާޓީއަކަށް ވަރަށް ނިކަމެތި ޕާޓީއެއް ކަމަށެވެ.
އެކަނި ނިކުމެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކާމިޔާބުނުކުރެވޭނެކަން ޤަބޫލުކޮށް އިންތިޚާބު ކާމިޔާބުކޮސްދެވޭނެ ފަދަ އާރާއި ބާރުހުރި ޕާޓީތަކާ އެ ޕާޓީން ކޯލިޝަން ހަދަން ޕާޓީގެ ލީޑަރުން އަވަސް އަރުވާލައިގެން އުޅެނީ އެހެންވެކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅާ ގުޅިގެން އިބުރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން ޤަބޫލުކުރާ ގޮތުގައި އެ ޕާޓީއަށް އިންތިޚާބު ކާމިޔާބުނުވާނީ ފުރަތަމަ ބުރުން އެކަނި ނޫން ކަމަށެވެ. ޕާޓީގެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވާ ގޮތުން ދެވަނަ ބުރުންވެސް ނުވާނެކަމަށެވެ.
އަދި އެމްޑީޕީއަށް ދެވަނަ ބުރުން އިންތިޚާބު ކާމިޔާބުނުކުރެވޭނަމަ އަދި އެކަން ޕާޓީގެ އިސްލީޑަރު ޤަބޫލުކުރައްވާނަމަ ދެވަނަ ބުރުން ކާމިޔާބުކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫންތޯ އިބުރާ ސުވާލުކުރެއްވިއެވެ.
އިބުރާގެ ޓުވީޓު ރިޓުވީޓުކުރައްވައި ފައްޔާޒު ވިދާޅުވެފައިވަނީ އިބުރާ އަދި މުއިއްޒު އުމުރުން ދުވަސްވެފައި ތިއްބެވި ނަމަވެސް އެ ބޭފުޅުންގެ ވިސްނުންފުޅު ކޮށީކަމަށެވެ. ނުވަތަ ހިތްޕުޅުގައި އޮތް ނަފުރަތު މާބޮޑީ ކަމަށެވެ.
މިފަދައިން ފައްޔާޒު ވިދާޅުވި ނަމަވެސް އިބުރާއަކީ ރައީސް ނަޝީދާ ދެކޮޅަށް ރައީސް އިބްރާހީމަށް ތާއީދުކުރައްވައި ވާހަކަދެއްކެވި ބޭފުޅެކެވެ. އެހެންނަމަވެސް އޭނާއަކީ އަބަދުވެސް ކޯލިޝަން ހަދައި ކުދި ޕާޓީތަކަށް ބައިއެޅުމާ ދެކޮޅަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.